ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެސްފައިވާ ބަދަލު ތަންފީޒު ކުރުމުގެ ގޮތުން ކުށުގެ ރެކޯޑް ބެލެހެއްޓުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ބަދަލުކޮށްފައިވާތީ މީގެ ފަހުން ކުށުގެ ރެކޯޑު ސާފު ކޮށްދޭނީ ވެސް އެ ތަނުން ކަމަށް ބުނެފިއެވެ.

ޑީޖޭއޭއިން މިއަދު ކުރި އިއުލާނެއްގައި ވަނީ މީގެ ފަހުން ކުށުގެ ރެކޯޑް ބެލެހެއްޓުމުގެ އިތުރުން ކުށުގެ ރެކޯޑް ސާފު ކޮށްދިނުމުގެ ކަންކަން ވެސް ކުރިއަށް ގެންދަން ޖެހޭނީ އެ ޑީޕާޓްމަންޓުން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އަންގާފައިވާ ކަމަށެވެ. އެ ގޮތުން އެ ޑިޕާޓްމަންޓްގެ މެއިލްއަށް ކުށުގެ ރެކޯޑް ސާފުކޮށްދޭ ފޯމު ފޮނުވޭޭނެ ކަމަށް އިއުލާނުގައިވެއެވެ. އަދި އެ މެއިލްއަށް ޑީޖޭއޭއިން ޖަވާބު ފޮނުވާނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

ވަޒީފާތަކަށް ވަނުމަށާއި އެނޫން ވެސް ބޭނުންތަކަށް މީހުންގެ ކުށުގެ ރެކޯޑް ސާފުކުރުން މީގެ ކުރިން އޮންނީ ވަރަށް އުނދަގޫ ގޮތަކަށެވެ. މި ގޮތުން އެ ރެކޯޑް ސާފުކުރަން އެކި ކޯޓުތަކަށް ވަކިވަކިން އަދި އެހެން ބައެއް މުއައްސަސާތަކަށް ވެސް ވަކިވަކިން ހުށަހަޅަން ޖެހެއެވެ. އެހެންވެ އެކަމަށް ގިނަ ވަގުތު ވެސް ހޭދަވެއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޖިނާއީ އިޖުރާއަތުގެ ގާާނޫނަށް އިސްލާހު ގެންނަ ބިލް ތަސްދީގުކޮށް ގާނޫނަކަށްވެ އަމަލު ކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ.

އޭގައިވާ ގޮތުން، ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް އެޓާނީ ޖެނެރަލް ކަނޑައަޅަންވާނެ ކަމަށެވެ. އެ ގޮތުގެ މަތިން އެ އިދާރާގެ ގޮތުގައި އޭޖީ އޮފީހުން ކަނޑައެޅީ ޑީޖޭއޭއެވެ.