ހައި ކޯޓުގެ އިސް ގާޒީއަކަށް ހާތިފް ހިލްމީ މިއަދު އައްޔަން ކުރައްވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވީ އެ ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އިސް ގާޒީގެ މަގާމުގެ ފަތްކޮޅު ހާތިފް އާ ހަވާލުކޮށް ދެއްވީ އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިނެވެ.

ހައި ކޯޓުގެ ގާޒީއެއް ހޯދުމަށް ކުރި އިއުލާންގެ ދަށުން ކުރިމަތިލި ބޭފުޅުންނާ "ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައި ވަނީ ހާތިފް އިސް ގާޒީއަކަށް އައްޔަން ކުރަން ފެންނަ ކަމަށެވެ.

ހާތިފް އެ މަގާމަށް އައްޔަން ކުރީ އެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު ޝުޖާއު އުސްމާނު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުންނެވެ.

ހާތިފްއަކީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަސިޓީން ބެޗްލަ އޮފް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 10 އަހަރު، ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި އެއް އަހަރު ހިދުމަތް ކުރެއްވިއެވެ.