ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަ ރަށަކަށް މެޖިސްޓްރޭޓުން އައްޔަންކޮށްފިއެވެ.

ޖޭއެސްސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހަ ރަށަކަށް މެޖިސްޓްރޭޓުން ކަނޑައަޅައި އެ ބޭފުޅުން މަގާމުގެ ހުވާ ކުރެއްވި އިރު، ފަތްކޮޅު ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް، ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނެވެ.

މަގާމުގެ ހުވާ ކުރެއްވި ހަ ބޭފުޅުން

  • ހދ. ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އެ ރަށު ނޫރަންގެ މުހައްމަދު އިސްމާއިލް
  • ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ގ. ނޫމަރާވިލާ ޝީރީން ނާހިދާ ލަތީފް
  • ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ށ. މަގޫދޫ ހަވީރީނާޒް އާދަމް ސަލީމް
  • ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ގދ. ގެމަނަފުށި އެތުމާގެ، އަހުމަދު އާދަމް
  • ރ. މަޑުއްވަރީ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ތ. މަޑިފުށި ސިގްނަލްގެ އަކްރަމް ރަފީގް
  • ސ. ފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ސ. މަރަދޫ މެރީވިލާ އަހުމަދު އަފީފް

މި ބޭފުޅުންގެ ތެރެއިން މުހައްމަދު އިސްމާއިލް ވަނީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީން ބެޗްލަ އޮފް ޝަރީއާ އެންޑް ލޯ (އޮނާސް) ހާސިލް ކުރައްވައިފައެވެ. މުހައްމަދު އިސްމާއިލް ކުރިން ހުންނެވީ ސިވިލް ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމުގައެވެ.

ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވި ޝީރީން ޝަރީއަތާއި ގާނޫނުގެ ދާއިރާ އިން ޑިޕްލޮމާ ހާސިލް ކުރެއްވީ މައުހަދުންނެވެ. ޝީރީނަށް ފަނޑިޔާރު ކަމުގައި ތިން އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވެއެވެ.

މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވި އާދަމް ސަލީމް ބެޗްލަ އޮފް ޝަރީއާ އެންޑް ލޯ ހާސިލް ކުރެއްވީ ކުއްލިއްޔާ އިންނެވެ. އާދަމް ސަލީމް ކުރިން ހުންނެވީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ އެސިސްޓަންޓް ލީގަލް އޮފިސަރެއްގެ މަގާމުގައެވެ.

ތިނަދޫ މެޖިސްޓްރޭޓް ކޯޓު ކަމަށް އައްޔަން ކުރެއްވި އަހުމަދު އާދަމް ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީން ބެޗްލަ އޮފް ޝަރީއާ އެންޑް ލޯ (އޮނާސް) ހާސިލް ކުރައްވައިފައެވެ. އޭނާ ވަނީ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައި ދެ އަހަރު މަސައްކަތް ކުރައްވައިފައެވެ.

ރ. މަޑުއްވަރީ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވި އަކްރަމް ބެޗްލަ އޮފް ޝަރީއާ އެންޑް ލޯ ހާސިލް ކުރެއްވީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީންނެވެ. އޭނާ ކުރިން ހުންނެވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަގާމުގައެވެ.

ސ. ފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވި އަހުމަދު އަފީފް މަދީނާގެ އިސްލާމިކް ޔުނިވަސިޓީގައި އިސްލާމިކް ލޯ އިން ބެޗްލަ އޮފް ޑިގްރީ ހާސިލް ކުރައްވާފައިވޭ ބޭފުޅެކެވެ. އޭނާ މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ހިތަދޫ ކެމްޕަސްގެ ލެކްޗަރެއްގެ މަގާމުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު