ކޮވިޑް19 އާއި ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ކުރި ހަރަދުތައް 2.8 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑާއި ގުޅިގެން ސިއްހީ ކަންކަމަށް ކޮށްފައިވާ ހޭދަ 1.46 ބިލިއަން ރުފިޔާ އަށް އަރައެވެ. އިގްތިސޯދީ ކަންކަމަށް ކޮށްފައިވާ ހޭދަ 1.49 ބިލިއަން ރުފިޔާ އަށް އަރައެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ ކޮވިޑަށް ކުރާ ހޭދައިގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖެންމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ހެލްތު މިނިސްޓްރީއިން ކަމަށެވެ.

އެގޮތުން އެންޑީއެމްއޭ އަށް 868 މިލިއަން ހޭދަކޮށްފައި ވާއިރު ހެލްތު މިނިސްޓްރީން 321.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ޕްލޭނިން މިނިސްޓްރީން 37.3 މިލިއަން ރުފިޔާ، އެމްއެންޑީއެފުން 42.6 މިލިއަން ރުފިޔާ، ފޮރިން މިނިސްޓްރީން 6.8 މިލިއަން ރުފިޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން 31.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއިން ކޮވިޑަށް ކޮށްފައިވާ ހޭދައިގެ ތެރެއިން ވިޔަފާރިތައް ކޮޅަށް ޖެހުމަށް ސަރުކާރުން ދޫކުރާ ރިކަވަރީ ލޯނު ސްކީމަށް ވެސް ބޮޑު ހޭދައެއް ވަނީ ކޮށްފައެވެ. އެގޮތުން މިމަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް 1153.5 މިލިއަން ރުފިޔާ ދައުލަތުން ވަނީ ހަރަދު ކޮށްފައެވެ. އިންކަމް ސަޕޯޓު އެލަވެންސް ނުވަތަ ވަޒީފާ އަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ދޫކުރާ އެލަވަންސަށް 227 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަންގަލި

    ކޮންއެހީއެއް ކިޔާކަށް. ކޮންކަމެއްތިޔަކުރަނީ . ކަރަންޓްބިލްތައްވެސް ލަސްކުރުވާފައި މިހާރު ސްޓެލްކޯއިން މަޖުބޫރުކޮށްގެން ލާރިތައް އަތުލަމުންދަނީ. ކަރަންޓް ކަނޑަނީ. ނިކަމެތިން ނޮޅާކަނީ. ކޮބާ ކޮވިޑް ގެ ހާލަތުގެ އެހީ. ކޮންކަމެއް 2.8 ބިލިއަން ޚަރަދު ކުރިއްޔާ. #ފެންފޮޅިސަރުކާރު