ރާއްޖެ އަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސްކޮށް ހުރި މ. ބޮއިލިންފިޝް، އަހުމަދު ވިސާމް ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން މިއަދު ވިދާޅުވީ،އެ މައްސަލަ މިއަދު އިސްތިއުނާފު ކޮށްފައިވާ ކަަމަށެވެ.

"އިރުއަލިމަސް" ނަމަކަށް ކިޔާ ދޯންޏެއްގައި މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ހައްޔަރު ކުރި ވިސާމް ކްރިމިނަލް ކޯޓުން ދޫކޮށްލީ އާދީއްތަ ދުވަހު އެވެ.

މި މައްސަލައިގައި ވިސާމްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ. ވިސާމްގެ އިތުރުން 11 މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފައެވެ. މި މީހުންގެ ތެރެއިން ވިސާމް ފިޔަވައި ދެން ތިބި މީހުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.

އެމީހުންނަކީ މުހައްމަދު ހަމީދު، ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު މާއިޝް، މ. މާކޮޅު، މުހައްމަދު ޝާމިން، މއ. ވިރާހު، އަހުމަދު ޝިފާޒް، ހުޅުމާލޭ ފްލެޓް 06ޖީ4، އަބްދުﷲ ޝާމް، މއ. ބޯޅަކިންކިރިމާގެ، ހުސައިން ސުނާޒް، މ. މުލި، ސޯސަންވިލާ، ސައުދުﷲ ރަޝީދު، މ.ކެޕްރިކޯން، މުހައްމަދު ނަޝީދު، މ.މުލި، ހުދުފިނިފެންމާގެ، މުހައްމަދު މާއިދު، މ. ކޮޅުފުށި، އޯޝަންވިއު އަދި މުހައްމަދު ރިޟްވާން އިބްރާހިމް، މ. މުލި، މުސްތަރީގެ އެވެ.

އެ މީހުންގެ ތެރެއިން ހަތް މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދޯނީގައި ދަތުރުކުރި މީހުންނެވެ. އަނެއް ހަތަރު މީހުންނަކީ މާލެއާއި ހުޅުމާލޭގެ ހަތަރު ގެއެއް ބަލައި ފާސްކޮށް ހައްޔަރުކުރި މީހުންނެވެ.

ވިސާމް ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ނެރެފައިވާ އަމުރު ރިވިއުކުރަން ގެންދިއުމުންނެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ނެރުއްވި އަމުރުގައި ވަނީ ކަރެކްޝަނަލް ސާވިސްގެ ފަރާތުން އޭނާއަށް އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާ ދީފައި ނުވާ ކަމަށެވެ.

ފުލުހުންނާއި ޕީޖީ އޮފީހުން ވިދާޅުވީ ވިސާމްއަކީ މި ނެޓްވޯކްގެ އެންމެ އިސް މީހާ ކަމަށާއި މި ކުށުގެ އަމަލު ހިންގުމުގައި އެންމެ އިސްކޮށް ހުރީ ވެސް ވިސާމް ކަމަށެވެ.