އިންޑިއާ އިން ރާއްޖެ އަށް ފޯރުކޮށްދީފައިވާ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން ހިންގާ ފަސް މަޝްރޫއެއްގެ ކޮންޓްރެކްޓް ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ހަވާލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ހާމަކޮށްފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެލްއޯސީގެ ދަށުން 1،240 މިލިއަން ޑޮލަރުގެ އަގުހުރި ނުވަ މަޝްރޫއެއް ދެ ގައުމު ގުޅިގެން ހިންގަމުންދާ ކަމަށާއި މި މަޝްރޫއުތަކުގެ ތެރޭގައި ގިނައީ ކަނެކްޓިވިޓީ އަދި އިންފްރާސްޓްރަކްޗާ ޑޮމެއިންގެ މަޝްރޫއުތައް ކަމަށެވެ. އޭގެ ތެރެއިން ފަސް މަޝްރޫއުގެ ޓެންޑަރިން މަރުހަލާގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

އަދި ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި މި މަޝްރޫއުތަކުގެ ކޮންޓްރެކްޓް ހަވާލުކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްބަސީން ވިދާޅުވިއެވެ.

އިންޑިއާގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެލްއޯސީގެ ދަށުން ހިންގޭ މަޝްރޫއުތަކާއި ގުޅޭ ގޮތުން ހައި-ލެވެލް ވާޗުއަލް ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވައިފައެވެ. މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ރައީސް އޮފީހާއި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ އިސް އޮފިޝަލުންނާއި އަލަށް އުފައްދާފައިވާ ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިޝަލުންނާއި ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އަދި އިންޑިއަން ހައި ކޮމިޝަން އަދި އިންޑިއާގެ އެގްޒިމް ބޭންކުގެ އިސް އޮފިޝަލުންނެވެ.

ކޮންޓްރެކްޓަރުންނާ ހަވާލު ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް

  • ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު.
  • އައްޑޫ ސިޓީ ތަރައްގީ ކުރުމުގެ މަޝްރޫއު.
  • ބައިނަލްއަގްވާމީ ކްރިކެޓް ސްޓޭޑިއަމް މަޝްރޫއު.
  • ގުޅީފަޅު ޕޯޓް މަޝްރޫއު.
  • ގްރޭޓާ މާލޭ ކަނެކްޓިވިޓީ މަޝްރޫއު.

އިންޑިއާގެ ހައި ކޮމިޝަނުން ވިދާޅުވި ގޮތުގައި ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއަށް ފަސް ކުންފުންޏެއްގެ ފަރާތުން ބިޑް ހުށަހަޅާފައިވާ އިރު، އެ ބިޑްތައް މިހާރު ދަނީ ދިރާސާ ކުރަމުންނެވެ. އަދި ފެބްރުއަރީ ނިމުމުގެ ކުރިން މަޝްރޫއުގެ ކޮންޓްރެކްޓް ހަވާލުކުރެވޭނެކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އިންޑިއާގެ ހައި ކޮމިޝަނުން ވިދާޅުވިއެވެ.

އައްޑޫ ސިޓީ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީ މަގުހެދުމާއި ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ޓެންޑަރިން މަރުހަލާގައެވެ. މަގު ހެދުމުގެ މަސައްކަތަށް ހުށައަޅާފައިވާ ބިޑްތައް ދިވެހި ސަރުކާރުން މިހާރު ދަނީ ދިރާސާކުރަމުންނެވެ. ހައި ކޮމިޝަނުން ވިދާޅުވީ ފެބްރުއަރީ ނިމުމުގެ ކުރިން މަޝްރޫއުތައް ކޮންޓްރެކްޓަރުންނާ ހަވާލު ކުރެވޭނެ ކަމަށް ލަފާ ކުރާ ކަމަށެވެ.

އައްޑޫ ބިން ހިއްކުމުގެ މަސައްކަތުގެ ޓެންޑާ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ހުޅުވާލާނެކަމަށް ބެލެވެއެވެ.

ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ސްޓޭޓް-އޮފް-ދި-އާޓް ސްޓޭޑިއަމް (ކްރިކެޓް ސްޓޭޑިއަމް) ގެ މަސައްކަތް ވެސް މިހާރު ވަނީ ޓެންޑަރިން މަރުހަލާގައެވެ. އަދި މި މަރުހަލާގެ މަސައްކަތް ނިމުމާއިއެކު ކޮންޓްރެކްޓް ހަވާލުކުރެވޭނެއެވެ.

ގުޅީފަޅުގައި ބައިނަލްއަގުވާމީ ބަނދަރެއް ހެދުމުގެ މަޝްރޫއުގެ ދަށުން ޓެންޑާ ޑޮކިއުމެންޓްތައް ދެގައުމުގެ ސަރުކާރުން ގުޅިގެން، ކޮންސަލްޓޭޓިވް މަރުހަލާއެއްގެ ދަށުން ދަނީ ތައްޔާރު ކުރަމުންނެވެ. އަދި ވަރަށް އަވަހަށް ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްރޫއު ޓެންޑާއަށް ހުޅުވާލެވޭނެއެވެ. އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވި ގޮތުގައި ބްރިޖު މަޝްރޫއު ވެސް މިހާރު އޮތީ ޓެންޑަރިން މަރުހަލާގައެވެ.

އިންޑިއާގެ އެލްއޯސީގެ ދަށުން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފެސިލިޓީތައް ފުޅާކޮށް ތަރއްގީ ކުރުމާއި ކެންސަރު ހޮސްޕިޓަލެއް ލ. އަތޮޅުގައި އެޅުމާއި ސ. ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ހިމެނެއެވެ.

އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ސްޓްތަކްޗާ ކުރެވިފައިވަނީ ހާމަކަން ބޮޑުކޮށް، 1.75 އިންސައްތަ އިންޓްރެސްޓް ހިމެނޭހެން، ފަސް އަހަރުގެ މޮރެޓޯރިއަމް އަކާއި އެކު، އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތަކާއި އެކުގައެވެ. މި މަޝްރޫއުތަކުގެ ޓެންޑަރިންގެ މަރުހަލާކުރިއަށް ގެންދެވޭނީ ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި އެއްގޮތަށްކަމަށް އިންޑިއާ ހައިކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. މި މަޝްރޫއުތަކުގެ މަސައްކަތުގައި އިންޑިއާގެ ކުންފުނިތަކާއިއެކު ދިވެހި ކުންފުނިތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސެން

    ތި ފާއިސާ އިން އިންޑިއާ ގެ ފަޤީރުންނަށް ސަދަޤާތް ކުރިއްޔާ މާ ރަނގަޅެއް ނުންތަ؟ފުރަތަމަ އަމިއްލަ ޤައުމުގެ ހާލަތު ރަނަގަޅުކޮށްފަ އެހެން ކަމަކާ އުޅުނިއްޔާތާ ނިޔަތް ވެސް ތެދުވާނީ /ހިލޭ އެހީއޭ ކިޔައި އޮޅުވާނުލާ.އެއީ ލައިން އޮފް ކްރެޑިޓް ދަށުން ދޭ ލޯނެއް.ލޯނަކީ މަސްތަކެއް ބަހާލައިގެން ސަރުކާރުން އނަބުރާ ދިވެހި ދައުލަތުގެ ބަޖެޓުން އިންޑިއާ އަށް ދައްކަންޖެހޭ ފާއިސާގެ ވާހަކަ މިދައްކަނީ

  2. ވިސްނާށޭގައުމު

    އިންޑިޔާއަށް ހަވާލު ކުރި އެއްވެސް ޕުރޮޖެކްޓެއް އަދި މިހާތަނައް ވަގުތައް ނިންމާފަކާއެއް ނެތް. ދެން އަނެއްކާވެސް ތި ޕުރޮޖެކްޓު ދީގެން ތި މީހުންނައް ތިކަން ނުވެގެން އެތަކެއް ދުވަހެއްވެ އެންމެ ފަހުން ސަރުކާރުން ބޮޑު ބަދަލެއް ދީގެން ނޫނީ ތިޔަ ކޮންޓުރެކްޓުން ސަލާމަތްވެސް ނުވާނެ. ތީ ހަމަ 2 ވަނަ ޖީއެމްއާރު މައްސަލަ. އަދި އިންޑިޔާއަކުން ބޭނުމެއްވެސް ނުވާނެ ތިޔަ މަޝްރޫ ހިންގާކައް.. އެއީ މިތަން ތަރައްގީވެދާނެތީވެ.. މަޝްރޫގަ ސޮއިކޮއްގެން ތިބޭނީ. ދެން މިތާ މިއޮތް ބޮލުރޮދި ކޮށިފަ އޮންނަ ސަރުކާރުން އެމީހުންގެ ފައިދަށައް ގައުމުލައިގެން ކަރަޕްޝަން ހިންގަންތިބޭނީ.

  3. ފައުޒީން

    1240 މިލިޔަން އިސްތަށި ހިނގަމުންދަނީ. އަހަރެމެން ދިވެހީންނަކީ މަރުވެފަ ތިބި މައްޔިތުންތަކެއް ކަމަައްތަ ހީކުރަނީ. 1240 މިލިޔަން ޑޮލަރަކީ އެއީ 1.2 ބިލިޔަން ޑޮލަރު.. ނުވަތަ 19.22 ބިލިޔަން ދިވެހި ރުފިޔާ. އެވަރުގެ މަޝްރޫއެއްގެ 10 ޕަސެންޓުވެސް ހަގީގަތުގައި ހިނގާނަމަ މިރާއްޖޭގެ އިގްތިސޯދައް އެނގުންވާނެ. ވީމާ ތިޔަ ކަނޑާ ފޮނިބައިސާ ކަނޑަން ކޮންމެވެސް އެހެންތާކައްދޭ.. މިތާ އުޅޭދިވެހީން ތިޔަހެން އިންޑިޔާމީހުން ހައްދާ ގަހައް އެރުވުނަސް މިހާރަކު ތިހެން ހައްދާނުލެވޭނެ.

  4. ހަމްދާން

    އައްޑޫ ތަރައްގީ ކުރަންޏާ 10 ބުރި 15 ބުރި އިމާރާތް އަޅަން ހުއްދަ ސަރުކާރުން ދޭންވީ.. އޭރުން އައްޑޫ މަހުޖަނުން އެތަންތަން ތަރައްގީކުރާނެ. ކޮންމެހެން ފިއްތާލައިގެން ތިހެން ތިބޭކަށެއް ނުޖެހޭ. ސިޓީ އެކޭ ބުނާއިރު އެތާގެ ބިމުގެ ބޭނުން ރަނގަޅައް ނުހިފެނީ މިހެންވެގެން.