ކްރައުން ކޮމްޕެނީން ހިންގި ކޮންރެޑް ރަންގަލި ރިސޯޓުން 22 މީހަކު 2011 ވަނަ އަހަރުގައި ވަޒީފާއިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އެ މީހުންނަށް ވަޒީފާ އަލުން ދޭން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި އެއްވެސް އިންސާފެއް ނެތް ކަމަށާއި ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރާނެ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ.

މި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅައިގެން އެ މީހުންނަށް އަލުން ވަޒީފާ ދޭން ހުކުމް ކުރީ 2012 ގައެވެ. އަދި 2013 ގައި ހައި ކޯޓުން ހުކުމް ކުރީ ވަޒީފާ އަލުން ދޭން ނުޖެހޭ ކަމަށާއި ލިބުނު ގެއްލުމުގެ ބަދަލު ޓްރައިބިއުނަލްއިން ކަނޑައެޅުމަށެވެ. މީގެ ފަސް އަހަރު ކުރިން 2015 ގައި ސުޕްރީމް ކޯޓުން ހައި ކޯޓުގެ ހުކުމް ބާތިލްކޮށް އަލުން މައްސަލަ ބަލަން އެންގިއެވެ. އޭގެ ތިން އަހަރު ފަހުން 2017 ގައި ހައި ކޯޓުން ހުކުމް ކުރީ ވަޒީފާ އަލުން ދިނުމަށެވެ.

ސުޕްރީމް ކޯޓުގައި މައްސަަލަ އިސްތިއުނާފް ކުރުމުން މިދިޔަ ބުދަ ދުވަހު އެ ކޯޓުން ކުރި ހުކުމުގައިވަނީ ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ވިޔަސް އެ ކަން ހިނގައިގެން ދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައިވާތީ ވަޒީފާ އަލުން ދޭން ނުޖެހޭ ކަމަށެވެ. އަދި އެ މީހުނަށް ނޯޓިސްގެ ބަދަލުގައި ދޭން ޖެހޭ ފައިސާއާއި ރިޑަންޑަންސީ ފައިސާ ދީފައިވާތީ އެއީ އަދުލުވެރި ބަދަލެއް ކަމަށް ކަނޑައަޅައި އިތުރު ބަދަލެއް ދޭން ހުކުމަކު ނެތެވެ.

މިކަމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ހައްގުގައި ވަކާލާތު ކުރާ ޖަމިއްޔާ، ޓީމް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި އެއްވެސް އިންސާފެއް އޮތް ކަމުގައި ބެލެވެން ނެތް ކަމަށެވެ. ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް މުވައްޒަފުން ވަކިކޮށްފައި ވެސް އަދުލުވެރި ބަދަލެއް ވެސް ދިނުމެއް ނެތި ވަޒީފާ ދޭ ފަރާތަށް ތިބެވޭނެ ކަމަށް ދޭހަވާ ހުކުމެއް ކަމަށް އެ ބަޔާނުގައިވެއެވެ.

ޝަރުއީ ނިޒާމުގެ އެންމެ މަތީ މަރުހަލާއިން ވެސް އިންސާފު ލިބިފައި ނެތް ނަމަވެސް އިންސާފު ހޯދުމަށް ކުރާ މަސައްކަތް މެދުކަނޑާނުލާނެ ކަމަށް ޓީމްގެ ބަޔާނުގައިވެއެވެ.

މި ގޮތުން މުވައްޒަފުންނަށް އަދުލުވެރި ބަދަލެއް ދީފައިވާ ކަމުގައި ސުޕްރީމް ކޯޓުން ކަނޑައެޅި ނަމަވެސް ވަޒީފާއިން ވަކިކޮށްގެން އިތުރު ގެއްލުމެއް އޮތް ނަމަ، ވަކިން ދައުވާ ކުރުމުގެ ހައްގު އޮންނާނެ ކަން ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި އޮތުމުން އެ ފުރުސަތުގެ ބޭނުންކޮށް ގެއްލުމުގެ ބަދަލު ހޯދަން މައްސަލަ ހުށަހަޅާނެ ކަމަށް ޓީމްގެ ބަޔާނުގައިވެއެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމް ނެރުނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު