އައިޖީއެމްއެޗުގެ ކްލިނިކަލް އެޑްވައިޒަރީ މެނޭޖުމެންޓް ޓީމުގެ މެންބަރު އަދި އެތެރެހަށީގެ ޑޮކްޓަރު މޫސާ މުރާދު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މުރާދު އޭނާގެ ފޭސްބުކް އެކައުންޓުން ކުރެއްވި މެސެޖެއްގައި ވިދާޅުވީ ބައެއް މީހުން އޭނާ ކޮވިޑް-19 ވެކްސިން ޖެއްސެވި ތަނުގެ ފޮޓޯއެއް ނުފެނިގެން ސުވާލު ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ވެކްސިން ޖައްސަވާފައި ނުވަނީ ކޮވިޑް-19 އަށް ފައްސިވުމުން ކަމަށެވެ. އަދި ވެކްސިން ޖެއްސެވޭނީ ކޮވިޑް-19 އަށް ފައްސިވުމުން، ބަލި ރަނގަޅުވާން ހޭދަވާ މުއްދަތަށް ފަހުގައި ކަމަށް ވެސް މުރާދު ވިދާޅުވިއެވެ.

އުމުރުން 44 އަހަރުގެ މުރާދަކީ ފާއިތުވި 15 އަހަރު ދުވަހު ސިއްހީ ދާއިރާއަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކޮވިޑް-19ގެ ހާލަތުގައި އެ ބައްޔާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި ބަލި މީހުންނަށް ޚިދުމަތް ކުރެއްވުމުގައި ފެށުނީއްސުރެ އޭނާ ދަނީ މަސައްކަތް ކުރައްވަމުންނެވެ.

އެގޮތުން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އާއި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ވެސް މުރާދު މުހިންމު ރޯލެއް އަދާކުރެއްވިއެވެ. އޭނާއަކީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް އާންމުކޮށް ފެންނަ މޫނެކެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ ވެރިކަންކުރާ މާލެ ސަރަޙައްދުގައެވެެ. މިގޮތުން މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވަމުން އަންނަނީ ވެސް މާލެއިންނެވެ. މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ބަލީގެ ވޭދަނަތައް ފެންމަތިވާ މިންވަރު ފަހަކަށް އައިސް ވަނީ އިތުރުވާން ފަށައިފައެވެ. މީގެ ތެރޭގައި ވެސް ގިނައީ މާލެއިން އަތޮޅުތަކަށް ދަތުރުކުރާ މީހުންކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖޭގައި ކުރާ މަސައްކަތްތަކުގެ ތެރެއިން، ދާދިފަހުން އިންޑިއާއިން ހަދިޔާކުރި ވެކްސިން މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. މި ވެކްސިން އަދި ދެމުން ދަނީ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އާންމުކޮށް ރާއްޖޭގައި މި ވެކްސިން ދޭން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން އަލަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުން އަންނާނީ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށް ހަރުކަށިކޮށްފައެވެ. މިގޮތުން މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ މާލޭގައި ކާފިއުވެސް ހިންގަމުން ދެއެވެ. ހަމައެހެންމެ ކޮލެޖް ޔުނިވާސިޓީތައް ވަގުތީގޮތުން ބަންދުކޮށް، އާންމު ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަކި ގަޑިތަކެއް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަހުލޫފުގެ ރަހްމަތްތެރިޔާ

    ޑޮކްޓަރ ވެކްސިން ނުޖައްސަވަނީތޯ

    4
    1
  2. ސިދާތާގެ ބެޑްސީޓް

    ވެކްސިންގެ އަސަރު އަދިވެސް ނުކުރަނީތަ ނޫނީ ވެކްސިން ނުޖަހަނީތަ

    4
    1
  3. ގޮޑުފްރީ

    އަވަސް ޝިފާ އަކަށް އެދެން.

    17
    1
  4. ތީރު

    ފައްސިވިދުވަސް ވިދާޅުވިނަމަ ސަޅިވިސް

    6
    1
  5. سعدية عبدالله

    އަވަސްޝިފާއަކަށްއެދެން

  6. Anonymous

    ޑރ.އި ބަލިތަކުގައި ވާ މީސްތަކުންނަށް އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން
    ހުރިހާ ބޭފުޅުން ދުޢާކޮށް ދެއްވާ. އެތަކެއް ބަލިމީހުންގެ އޯގާތެރި ޑރ. ޝިފާ ދެއްވާ ފަރާތަކީ މަތިވެރިވަންތަﷲ ސުބްޙާނަހޫ ވަތަޢާލާ. އެކަލާނގެ ރަޙްމަތްފުޅާއިއެކު އެތަކެއް ބަލިމީހުންނަށް ޓަކައި ޤުރުބާން ވަމުންދާ ޑރންނާއި ޞިއްޙީ އެހީތެރިން ފުރިހަމަ ޞިއްޙަތުގައި ލައްވާށި އާމީން

    5
    1
  7. سعدية عبدالله

    ޑޮ ކްޓަރ އަވަސް ސިފާއަ ކަން އެދެން

  8. ރެފްރީ

    ވަރަށްދެރަ ކަމެއް .. ސަބަބަ ކީ ވެ ކްސިން ޖަހަންމިޖެހެނީ ފުރަތަމަ ޑޮ ކްޓަރުންނާއި ނަރުހުން .. އެއަށްފަހު އަންހެނުންނާއި ފިރިހެނުން.. ސުވާލުއުފެދޭ ކަމަ ކީ މުރާދުއަށް ވެ ކްސިންގެ ޔަގީން ކަންނެތިގެން ވެ ކްސިންނުޖަހަނީތޯ؟؟

  9. ބަކުރުބޭ

    އަވަސް ސިފާއަކަށް އެދެން

  10. ބެއްޔާަ

    އަވަސް ޝިފާއެއްދެއްވުމައް މާތްﷲއައް ދުޢާކުރަން

  11. Anonymous

    ކުރީގައި ހެދި ގޮތަށް ރަށްރަށަށް ދިއުންވެސް މަނާކުރަންވީ މި ދަނޑިވަޅުގައި. މާލޭގައި ކޭސް ގިނަވާއިރު ރަށްރަށަށް ކީއްކުރަން މީހުން ފޮނުވަނީ. ބަލިއުޅޭތަނެއްގައި ތިބޭ ބަޔަކު އެހެން ތަނަކަށް ދާން ހުއްދަ ދެވިގެންވެސް ނުވާނެ ދޯ. އެމީހުންނާއިއެކު ދަތުރުކުރާ އުޅަނދެއްގައި ތިބޭ ބަޔަކަށްވެސް ކިހާ ބޮޑު ނުރައްކަލެއް އެއީ