ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހިޔަސް ގާތުން ކިރުދޭ މައިން، ވެކްސިން ޖެހުމަށް ފަހު ގާތުން ނުދީ ވަކި ވަގުތެއް ވަންދެން މަޑު ކުރަން ނުޖެހޭނެ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ.ފައިސަލް ގެންދަވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިނާ ގުޅިގެން މާބަނޑު މީހުންނާއި، ކުޑަ ކުދިންނާއި ގުޅުން ހުރި ކަންކަމާއި މެދު އާއްމުކޮށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދެއްވަމުންނެވެ.
އެގޮތުން ގާތުން ކިރުދޭ މަޔަކު ވެކްސިން ޖެހުމަށް ފަހު ގައިގައި ރިއްސާ ހުން އަންނަ ނަމަ، ޕެރަސެޓެމޯލް ކެޔަސް ގާތުން ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ ވެކްސިން ޖެހުމަށް ފަހު ގިނަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ވެސް އިލްތިމާސް ކުރައްވައިފައެވެ.
ގާތުން ކިރުދޭމައިން ކޮވިޑުގެ ވެކްސިން ޖެހުމަށްފަހު، ކިރުދޭން ވަކި ވަގުތެއް ވަންދެން މަޑުކުރާކަށް ނުޖެހޭނެ.
ގައިގަރިއްސާ ހުންއަޔަސް އަދި އެކަމަށް ޕެރަސެޓަމޯލް ކެޔަސް ގާތުންދެވޭނެ،
ދިޔާތަކެތި ގިނައިން ބޭނުން ކުރައްވާ!
ދެ ދުވަހެއް ތެރޭ ހުމާއި ގައިގަރިއްސުން ފިލާދޭ، ان شاء الله— Ahmed Faisal (@Faisalnaifaru) February 7, 2021
ފައިސަލް ވިދާޅުވީ، ކޮވިޑް-19 ވެކްސިން ޖެހުމުގެ ކުރިން ބަލި ޖެހިފައި ހުރިތޯ ނުވަތަ މާބަނޑުތޯ ބަލަން ޓެސްޓު ކުރަން ނުޖެހޭނެ ކަމަށެވެ. އަދި މާބަނޑު މީހުންނަށް ވެކްސިން ނުދޭނެ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ވެކްސިން ޖެހުމުގެ ފަހުން މާބަނޑުކަން އެނގުނު ނަމަވެސް ދަރި ވައްޓާލާކަށް ވެސް ނުޖެހޭނެ ކަމަށެވެ.
މީގެއިތުރުން ގާތުން ކިރުދޭ މައިން، ވެކްސިން ޖެހުމަށްފަހު ކިރު ދިނުން ހުއްޓާލާކަށްވެސް ނުޖެހޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް މިހެން ވިދާޅުވެފައިވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ ކޮވީޝީލްޑް ވެކްސިންއާއި ބެހޭ މައުލޫމާތު ތަކެއް ހިއްސާ ކުރަމުންނެވެ. އެގޮތުން ފައިސަލް ވިދާޅުވީ، އެ ވެކްސިނަކީ އަތުގެ މަސްގަނޑަށް ޖަހާ ވެކްސިނެއް ކަމަށާއި މި ވެކްސިންގައި ދެ ޑޯޒު ފުރިހަމަ ކުރަން ޖެހޭ ކަމަށެެވެ.
އެގޮތުން ފުރަތަމަ ވެކްސިން ޖަހާތާ ހަތަރު ހަފްތާގެ ތެރޭގައި ދެވަނަ ޑޯޒު ޖަހަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިވަގުތު ރާއްޖެއިން ޖުމްލަ 6،854 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުންނަށް ދީފައިވަނީ މާލެ ސަރަހައްދުންނެވެ. މާލެ ސަރަހައްދަށް ބަލާއިރު، މިވަގުތު 5،588 މީހަކަށް ވަނީ އެ ސަރަހައްދުން ވެކްސިން ދީފައެވެ. އަދި އަތޮޅު ތެރެއިން ދީފައިވަނީ 1،266 މީހަކަށެވެ.
ރާއްޖޭގައި މިހާރު ދެމުންގެންދަނީ އިންޑިއާ އިން ހަދިޔާ ކުރި ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް"އެވެ. މި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ވަނީ ހުއްދަދީފައެވެ.
އެއްކަލަ ރޯނު އެދުރު