އައްޑޫ ސިޓީ ހިތަދޫ އިހަލުން (ކްލަސްޓާ) އިތުރު 5 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫއިން ފައްސިވެފައިވަނީ ސ. ގަމުގައި ބޭއްވި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްރެއިނިންއަށް ދިޔަ މީހުންނާއި ގުޅުން ހުރި އިހަލުގެ މީހުންނެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) އިން ބުނީ މިއަދުގެ ހަވީރު 18:00 ގެ ނިޔަލަށް ފަސް މީހަކު ފައްސި ވެފައިވާ ކަމަށެވެ. އެއީ ހިތަދޫ އިން ތިން މީހަކާއި، ފޭދޫ އިން ދެ މީހުންނެވެ. މިއާއި އެކީ އައްޑޫ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 58 އަށް އަރާފައެވެ.

މިހާތަނަށް ވޭދަނަތައް ފެނިފައިވަނީ ހިތަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހުޅުދޫމީދޫއިންނެވެ. ހިތަދޫއަށް ބަލާއިރު 20 މީހަކު މި ބައްޔަށް ވަނީ ފައްސިވެފައެވެ. މަރަދޫފޭދޫ 4، ފޭދޫ 9 އުޅޭއިރު، ހުޅުމީދޫން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 25 އަށް އަރާފައެވެ.

އޭއީއޯސީއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދުގެ 18:00 އާއި ހަމައަށް 174 މީހެއްގެ ސުންކު ވަނީ ނަގާފައެވެ. އަދި ފައްސިވެފައިވާ މީހުންގެ ތެރެއިން 4 މީހަކަށް ފެސިލިޓީގައި އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

އައްޑޫއިން ކޮވިޑް-19 އަށް ގިނަ އަދަދެއްގެ ބަޔަކު ފައްސިވަމުން އަންނާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑައި، ރޭގަނޑު 20:00 އިން ފަތިހު 4:00 އަށް ބޭރުގައި އުޅުން ވަނީ މަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު