އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަށް އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މިހާރު ވެސް މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އެ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ އެމަނިކުފާނު މާލެ ގެނެސް ޝަރީއަތަށް ހާޒިރުކޮށްގެންނެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައީސް ޔާމީން އެދިވަޑައިގަތީ މާލެ ސަރަހައްދުގައި މި ދުވަސްވަރު ކޮވިޑް-19 ގެ ރޯގާ އަނެއްކާ ވެސް ވަރަށް ބާރަށް ފެތުރިގެންދާތީ އާއި މިއަދު ޝަރީއަތަށް ހާޒިރުވާން ދަތިފުޅުވާތީވެ މިއަދުގެ ޝަރީއަތް ކެންސަލް ކޮށްދިނުމަށެވެ. އެ ގޮތުގެ މަތިން ކޯޓުން ޝަރީއަތް ކެންސަލްކޮށްފައިވާ ކަމަށްވެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވިދާޅުވެފައިވަނީ ބަލިމަޑުކަމެއް ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައި ރައީސް ޔާމީން މާލެ އަށް ގެނެސް ޝަރީއަތްތައް ކުރިޔަށް ގެންދިއުމަކީ އެމަނިކުފާނުގެ ފުރާނަ ނުރައްކަލަކަށް ހުށައެޅިގެން ދާނެ ކަމެއް ކަމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވީ ވާޗުއަލްކޮށް ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށްވެސް ޝަރީއަތްތައް ގެންދަން ބޭނުން ނުވާ ކަމަށެވެ. އެއީ ވީޑިއޯ މެދުވެރިކޮށް ކުރިއަށް ގެންދާ ނަމަ ރައީސް ޔާމީނާއި ވަކީލާ ދެމެދު މަޝްވަރާ ކުރުމުގެ ހައްގަށް ހުރަސް އެޅިގެން ދާނެތީ ކަމަށް ވަކީލުން ވިދާޅުވެއެވެ.

ރައީސް ޔާމީންގެ މައްޗަށް މި ދެ ދައުވާ އުފުލާފައިވަނީ، ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ މީގެ ކުރިން އުފުލި މަނީ ލޯންޑައިންގެ ދައުވާއެއް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ނޮވެމްބަރު 29، 2019 ގައި ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވެއެވެ. ހައި ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއީދުކޮށްފައެވެ. އެއީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއްމިލިއަން ޑޮލަރެއްގެ އަސްލު އޮޅުވާލައި މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައެއްގައެވެ. އެ ފައިސާއަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. މޮޑަވުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ވިދާޅުވެއެވެ.