ތިލަފަޅުގައި ޑޮކްޔާޑެއް ހެދުމަކީ މައްސަލައެއް ނޫން ކަމަށާއި، އެހެންނަމަވެސް އެތަނުގައި ޑޮކްޔާޑު ހަދަން އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ސިއްރު ކުރުމަކީ މައްސަލައެއް ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އާއެކު ރާއްޖެއިން ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރަން ގޮވާލައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވާ މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން ސައީދު ވަނީ އެ އެއްބަސްވުން ހާމަކުރަން ބޭނުން ނުވާ ސަބަބާއި މެދު ސުވާލު އުފައްދާފައެވެ. އޭނާ ވަނީ އިންޑިއާ އިން ނަގާފައިވާ ލޯނުތަކުގެ ތަފްސީލް ހާމަކުރަން ގޮވާލައްވާފައެވެ. ސައީދު ވިދާޅުވީ އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ޑޮކްޔާޑާއި ބަނދަރު ހެދުމަށް ވެފައިވާ އެއްބަސްވުން ކުށްވެރިކުރައްވާ ކަމަށެވެ.

އިންޑިއާ ސިފައިން މިހާރުވެސް ރާއްޖޭަގައި ތިބި އިރު އެކަން އޮޅުވާލާ ކަމަށް ބުނެ އެކަމާއި މެދުވެސް ސައީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

" ޑޮކްޔާޑެއް ހެދުމެއް ނޫން ގޯސްވެގެން މިއުޅެނީ. އެއްބަސްވުން ސިއްރުކުރާ މައްސަލަ އެއްމައްސަލައަކީ." ސައީދު ވިދާޅުވި އެވެ.

މި މައްސަލައިގައި ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަނުކުރާއިރު އަސްކަރިއްޔާތަކުގެ ދެމެދުގައި ހިނގާ މިފަދަ އެއްބަސްވުންތަކަކީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން ރުހުން ދިނުމަށް ފަހު، ގާއިމް ކުރެވެން ޖެހޭނެ އެއްބަސްވުންތަކެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ، މި އެއްބަސްވުމަކީ މަޖިލީހުގައި ތިއްބަވާ ދިވެހި ރައްޔިތުންގެ މަންދޫބުންނަށް އެނގެން ޖެހޭ އެއްބަސްވުމެއް ކަމަށެވެ. އެހެންކަމުން މަޖިލީހަށް މި އެއްބަސްވުން ފޮނުވުމަށް ފަހު، ދިރާސާ ކުރުމަށް މަޖިލީހުގެ މެންބަރުންނާ މި އެއްބަސްވުން ހިއްސާ ކުރެވެން ޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެ ގޮތުގެ މަތިން އެ މަރުހަލާ ކުރިއަށް ގެންދަން ޝިޔާމް ގޮވާލެއްވިއެވެ.

އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮންނަ އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރަކާއި ޑޮކްޔާޑެއް ހަދަން އިންޑިއާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ، ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު، އެމްއެންޑީއެފް އިން އެކަން ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮކި

    ބަލަ ކަލޭމެންގެ ސަރުކާރުން ކިތައް އެއްބަސްވުން ސިއްރުކުރިންތަ ؟

    2
    5
  2. އޮޅުވާލި

    ރަނގަޅުވާހަކައެއް އެކަމަކު މިސަރުކާރަކަކުން ތިޔައެއްބަސްވުމެއް ހާމައެއްނުކުރާނެ ނުވެސްކެރޭނެ މީއޮޅުވައިލައގެން ކަންތައްކުރާސާރުކާރެއް

    6
    1