އާންމު ތަނެއްގައި ހަޑި ހުތުރު ބަހުން މުހާތަބު ކުރެއްވި ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ކުރި ދައުވާއަށް ޝަރީއަތުގެ މަޖިލީހުގައި މިއަދު އަދުރޭ އިންކާރު ކުރައްވައިފިއެވެ.

އަދުރޭގެ މައްޗަށް މި ދައުވާ އުފުލީ، ނޮވެމްބަރު 28، 2019 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ދުވަހު އެ ކޯޓުގެ ބޭރުގައި ކުރަމުން ދިޔަ މުޒާހަރާގެ ތެރެއިން އަޑުގަދަ ކުރާ ބޭނުން ކުރައްވައިގެން ކްރިމިނަލް ކޯޓުގެ ގާޒީންނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ދަނިކޮށް ހަޑި ހުތުރު ބަހެއް ބޭނުން ކުރެއްވުމުންނެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި އަދުރޭގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން އޭނާގެ ގާނޫނީ ވަކީލު އަދި ދަނބިދަރިފުޅު އަހުމަދު ހިޝާމް ވަޖީހް ވަނީ އެމެރިކާ ފަދަ ގައުމުތަކުގައި އަމަލު ކުރާ އުސޫލުތަކާއި ހަޑި ހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާ އުފުލުމުގައި އަމަލު ކުރުމަށް އޮތް ގާނޫނީ އިޖުރާއަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. މި ގޮތުން މިފަދަ މައްސަލަތަކަކީ އާންމު މަސްލަހަތާ ގުޅުން ހުރި މައްސަލަތައް ކަމުން މިފަދަ މައްސަލަތައް ހުށަހަޅަން ވާނީ އާންމު ފަރާތްތަކުން ކަމަށް ވަކީލް ވިދާޅުވިއެވެ. އެކަމަކު މި ދައުވާ އުފުލަން ފޮނުވީ ޑީޖޭއޭގެ ފަރާތުންކަން ފާހަގަކުރެއްވިއެވެ.

މި ކަމަށް ދައުލަތުގެ ފަރާތުން ރައްދުގައި ވިދާޅުވީ އޭގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ ބޭނުން ކެނޑިގެން ދާނެ ކަމަށެވެ. އަދި މިފަދަ ކަމެއްގައި ކަން ކުރެވޭނީ އުސޫލުން ބޭރުންތޯ ނުވަތަ ނޫންތޯ އަދި ގާނޫނު މަނާ ކުރުމުގައި ވެސް ބަލަން ޖެހޭނީ ގާނޫނުލް އުގޫބާތު އެކުލަވާލި އިރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކައި އެ ޖަލްސާތަކުގައި މެންބަރުން ދައްކަވާފައިވާ ވާހަކަތަކާއި ކޮމިޓީތަކުގައި ދައްކަވާފައިވާ ވާހަކަތަކަށް ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދެ ފަރާތުން ދެއްކެވި އެ ވާހަކަތަކަށް ރިއާޔަތް ކުރުމަށް ފަހު އަދުރޭގެ ގާނޫނީ ވަކީލްގެ ފަރާތުން ހުށަހެޅި ކަންކަން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ބަލައެއް ނުގަންނަވައެވެ. އަދި މައްސަލަ ކުރިއަށް ގެންދަވަން ނިންމެވިއެވެ. އަދުރޭއަށް ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު ދެއްވިއެވެ. އެ ފުރުސަތުގައި ދައުވާއަށް އިންކާރު ކުރެއްވުމަށް ފަހު، ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ބައެއް ކަންކަން ހުރި ކަން ފާހަގަކުރެއްވިއެވެ. އެ ކަން ކުރުމަށް އަންނަ އަންގާރަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ކުރުމަށް ގާޒީ އެންގެވިއެވެ.

މި ދައުވާއާ ގުޅިގެން މީގެ ކުރިން ވެސް އަދުރޭ ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށެވެ. އަދި އެއީ އެއްވެސް އަސްލެއްގެ މައްޗަށް ކުރާ ދައުވާއެއް ނޫން ކަމަށާއި އެއީ ދޮގު ތުހުމަތުތަކެއް ކޮށްގެން އުފުލާފައިވާ ދައުވާއެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ މި ގޮތަށް ދައުވާތައް އުފުލަނީ ސަރުކާރުގެ ނުފޫޒުން ކަމަށެވެ. ސަރުކާރު ނުހިނގާކަން ރައްޔިތުންނަށް ހާމަވެގެން ދާތީ، އެ ފުރުސަތު އިތުރަށް ނުދިނުމަށްޓަކައި މިފަދަ ދައުވާތައް ވާދަވެރިންގެ މައްޗަށް ކުރުމަށް ފަހު، ރައްޔިތުންގެ ފޯކަސް ބަދަލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތޯރޯ

    އަދުރޭގެ އެންމެ ހުނަރު ފެންނަ ދާއިރާއަކީ އެކަހަލަ ބަސްތައް ބޭނުންކުރާ ވަގުތު

    6
    1
  2. ކެލާ އާރިފް

    ސުބުޙާނައްﷲ، އުޑުދަށުގައިހުރެ މިފަދަބޮޑު ދޮގެއްހަދަންކެރުނު މީހަކުނުކުރާނެ ކަމެއްނޯންނާނެކަން ކަށަވަރުވެއްޖެ، ލައިވް ޓީވީގަ ދިވެހި ހުރިހާރައްޔިތުން ބަލަން އަދި އަޑުއަހަންތިއްބައި މީނަގޮވި އަވަގުރާނަ މިޔަދުމިކުރީ އިންްކާރު، މީ ކޮންފަދަ އިންސާނެއްތޯ، މިފަދަމީހުން އަހަރެމެންގެ ކުޑަކުދިން ނަމޫނާނަގާނަމަ ޤައުމެއްނޯންނާނެ

  3. ދީދީ

    ދޮގުހެދުމަކީމުނާފިގުންގެކަމެއް އަދުރޭއަކީކިއޭނުކިއޭނެއެގޭމީހެއް ޑޮކުޓަރައްދައްކާ