ދެހާސްވިހި ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ހަފްތާ ބާއްވާ ތާރީޚު ފަސްކޮށްފިއެވެ.

މީޑިއާ ކައުންސިލުން ކުރިން ވަނީ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ހަފްތާ މެއި ތިން ވަނަ ދުވަހު އޮންނާނެ ކަން އިއުލާންކޮށްފައެވެ.

ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ، ނޫސްވެރިކަމުގެ އިނާމް މިހާރު ދޭން ނިންމާފައި ވަނީ މެއި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

އޭނާ ވިދާޅުވީ އިނާމް ދިނުމުގެ ހަފްލާ ލަސް ކުރަން ނިންމީ ކުރިން އެ ހަފްލާ ބާއްވަން ނިންމި މެއި ތިން ވަނަ ދުވަހަކީ ރަމަޟާން މަހުގެ ފަހު 10ގެ ތެރެއިން ދުވަހެއް ކަމަށް ވުމުން ކަމަށެެވެ.

" ކުރިން އަޅުގަނޑުމެން ނިންމީ ޕްރެސް ފްރީޑަމް ޑޭ ނުވަތަ ނޫސްވެރިކަމުގެ މިނިވަން ދުވަހު. ނަމަވެސް އެ ދުވަސް މި ދިމާވަނީ ރަމަޟާން މަހުގެ ފަހު 10ގެ ތެރެއިން ދުވަހަަށް. އެހެންވީމަ މޭއި 23 ވަނަ ދުވަހު ނޫސްވެރިކަމުގެ އިނާމް ދޭން މި ނިންމަނީ." އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ދޭ، ނޫސްވެރިކަމުގެ އިނާމު މި ފަހަރު 12 ދާއިރާކުން ދޭން ނިންމައި، ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާޗް ދެ ވަނަ ދުވަހުއެވެ.

މިދިޔަ އަހަރު ބޭއްވި ނޫސްވެރިކަމުގެ އިނާމް 11 ދާއިރާއަކަށް ހާއްސަކޮށްފައި ވައިރު އޭގެ ކުރީ އަހަރުގެ ނޫސްވެރިކަމުގެ އިނާމް ދީފައި ވަނީ ނުވަ ދާއިރާއަކުންނެވެ. މިފަހަރު އާ ދާއިރާއަކަށް އިތުރު ކުރި ދާއިރާ އަކީ ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް އަދި އޯޑިއޯ ޖާރނަލިޒަމެވެ.

މި އަހަރު އިނާމުދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކުގެ ތެރޭހައި ހިމެނެނީ ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)، ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ، ސިޔާސީ، ޝަރުއީ އަދި ޤާނޫނީ، ވިޔަފާރިއާއި އިޤުތިޞާދު، ކުޅިވަރު، ފޮޓޯ ޖާރނަލިޒަމް، ވީޑިއޯ ޖާރނަލިޒަމް، އޯޑިއޯ ޖާރނަލިޒަމް، ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް، ފީޗަރ / ރިޕޯޓް އަދި އެންމެ އުންމީދީ ނޫސްވެރިޔާއެވެ.

މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުން ކަމަށް މީީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    ނޫސް ވެރި ކަމުގެ އިނާމު ހަޤު ވާނީ މިފަހަރު ޕޮލިހުންނަށް އެ މީހުން ހާދަ ހިދު މަތެކޭ އެ ކޮށްދެނީ ނޫސްވެރިން ހޫރާލާ ދަމާކޫއްތާ އުރާލާއިގެން ގެންގޮސް މަހުމައްޗަށް ހޫރާލާ އެވަރުން ނުވެގެން މޫނަށް ފާޅުގަ ބޮޑްސްޕްރޭ ވެސް ޖަހާލަނީ ،