22 ހަފްތާ ނުފުރާ ވިހާ ކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަކީީ ހޮސްޕިޓަލްތަކުން ކުރާ ކަމެއް ނޫން ކަމަށާއި 22 ހަފްތާ ނުފުރާ އުފަންވާ ކުދިންގެ ފުރާނަ ސަލާމަތް ކުރުން އެއީ ކުރެވޭނެ ވެސް ކަމެއް ނޫންކަމަށް އައިޖީއެމްއެޗް އިން ވިދާޅުވެފައި ވީނަމަވެސް އެތައް ބަޔަކު އަމިއްލަ ތަޖުރިބާގެ އަލީގައި އެކަން ދޮގުކޮށްފިއެވެ.

އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮތް މާބަނޑު މީހެއްގެ ދަރިފުޅު 22 ހަފްތާގައި އުފަންވުމުން އެކުއްޖާ ނިޔާވަންދެން ބޭއްވި މައްސަލަ ހޫނުވުމުން އައިޖީއެމްއެޗް އިން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެކުއްޖާގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ނުކުރީ އެކުއްޖާގެ ފުރާނަ ސަލާމަތް ކުރުން އެއީ ކުރެވޭނެ ކަމަކަށް ނުވާތީ ކަމަށެވެ.

އައިޖީއެމްއެޗްގެ ބަޔާނާއި ގުޅިގެން ދިވެއްސަކު ކުރި ޓްވީޓެއްގައި ބުނީ އޭނާގެ އާއިލާ މެންބަރަކު ވެސް ބަނޑަށް ފަސް މަހުގައި (22 ހަފްތާގައި) ވިހާފައިވާ ކަމަށާއި އުފަންވި ކުއްޖާގެ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ. ނަމަވެސް އެކުއްޖާގެ ސިއްހަތު ރަނގަޅު ކުއްޖެއްގެ ގޮތުގައި ދުނިޔޭގައި އެބަހުރި ކަމަށާއި ކުއްޖާގެ އުމުރުން މިހާރު ހައަހަރު ވެއްޖެކަމަށް އޭނާ ބުންޏެވެ.

https://twitter.com/_zahu_a_r_/status/1371835217841885192

"ވަގުތު" އަށް މައުލޫމާތު ދިން އިތުރު މީހަކު ބުނީ އޭނާގެ އަނބިމީހާ ވެސް މީގެ އަށް އަހަރު ކުރިން އައިޖީއެމްއެޗްގައި ވިހޭއިރު ބަނޑަށް ފަސް މަސް ކަމަށެވެ. ދަރިފުޅު ރަނގަޅު ސިއްހަތެއްގައި ދުނިޔޭގައި އެބަހުރި ކަމަށް އޭނާ ބުންޏެވެ.

ނަން ހާމަނުކުރަން ޝަރުތުކޮށް "ވަގުތު" އަށް މައުލޫމާތުދިން ދިވެހި ޑޮކްޓަރަކު ވިދާޅުވީ ރާއްޖޭގައި ވެސް ފަސް މަހުން އުފަންވާ ކުދިންގެ ފުރާނަ ސަލާމަތް ކުރެވިފައި އެބަހުރި ކަމަށާއި ނަމަވެސް އެފަދަ ކުދިންގެ އަދަދު ނިސްބަތުން ވަރަށް މަދު ކަމަށެވެ. "އެއުމުރުގެ ކުއްޖެއްގެ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށް ބުނުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. ފަރުވާ ދެވިގެން އެބަހުރި އެފަދަ ކުދިންގެ ފުރާނަ ސަލާމަތް ކުރެވިފައި." ޑޮކްޓަރު ވިދާޅުވިއެވެ.

22 ހަފްތާގައި އުފަންވާ ކުދިންގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށް ޕްރިޓިޝަން އެސޯސިއޭޝަން އޮފް ޕެރިނެޓަލް މެޑިސިން އިން ވެސް މީގެ އަހަރުތަކެއް ކުރިން ނިންމާފައި ވެއެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މާބަނޑު މީހާގެ ބަނޑަށް 22 ހަފްތާގައި އުފަންވާ ކުދިން ސަލާމަތުން ހެދިބޮޑުވެފައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކަމަނަ

    މި ރަށުގައި ވެސް މީގެ 30 ހަކަށް އަހަރު ކުރިން ތި ގޮތަށް ކުއްޖަކު އުފަންވި
    އޭރު އެ ކަރަންޓެއް ނެތް ޒަމާން.
    ފުޅިބައްތި އަލީގައި ގެންގުޅުނު ކި ކުއްޖާ ހަމަ ބަރާބަރު.
    ދެން ކީއްވެތަ މިހާރު ނުވާންވީ

    46
    2
    • ޒައިކް

      22 ގަ އުފަންވާކުދިން ސަލާމަތް ނުކުރެވެއެކޭ އައިޖީއެމްއެޗަކުން ވެސް ނުބުނެއޭ.. އެ ބޫތާއިންވެސް ބުނީ 22 ހަފްތާގެ ކުރިން އުފަން ވެއްޖެއްޖާއޭ.. މަގޭ ވާހަކައަކީ ފުރާނަައަކީ ﷲގެ މިލްކެކޭ ސަލާމަތްވާނެކަން ނުވާނެކަން ނުނީ ގެންދަވަންވީމަ އެނގޭނީ އެފަރާތަށޭ.. އެންހެންވީމަ އެންމެ ފަހު ސިކުންތާހަމައަށްވެސް ވެވުނު ކަމެއް ކުރަންވާނެއޭ ހުރި ވަސީލަތެއްގެ އެހީގަ.. ގަމަ އަޅާނުލާ އެއްލާލާފަ ނުބޭއްވޭނެއޭ އަދި ސަލާމަތް ނުވުމުގެ ޗާންސްކިތަންމެ ބޮޑަސް..މީގެ ޒިންމާ ހަމަ ނަގަން ޖެހޭނެ ތިޔަ މީހުން ޤަބޫލެއް ނުކުރެވޭނެ...މި ސިޔާސީ ވާހަކައެއް ނޫން

      18
      4
  2. ހުސެން

    އައިޖީއެމް އެޗް ގެ އިހުމާލު އެބައޮތް

    63
    2
  3. އިބުރާހީމް

    މީ ރަނގަޅަށް ބަލަން ޖެހޭ މައްސަލައެއް. ހޮސްޕިޓަލުން މިހާރު އެ ބުނަނީ އެކަން އެހެން ކުރިކަމަށް(މަރުވަން ދޫކޮއްލި ކަމަށް). 22 މަހުގަ ވިއެއިއްކަމަކު، އެއީވެސް ފުރާނައެއް ދޯ. އެންމެ ފަހު ނޭވަޔާ ހަމައަށްވެސް މަސައްކަތް ކުރެވެން ޖެހޭނެ ދޯ. މަމީ ސިޔާސީ އެއްވެސް ފިކުރަކަށް ތާއީދު ކުރާ މީހެއް ނޫން. އެކަމަކު މިހެން ބުނެލަން ބޭނުން. ގައުމުގެ ވަލީއުލް އަމްރުގެ ބޮލުގަ އެޅޭނެ ޒިންމާއެއް މީ. ވީ ގޮތް ރަނގަޅަށް ބަލާފަ ފިޔަވަޅު އަޅާދޭން ވަރަށް އެދެން. އަޅައި ނުލާ ދޫކޮށްލުމުން، މަހުޝަރު ދުވަހުން ޖަވާބުދާރީ ވާންޖެހޭ އެންމެ އިސް ފަރާތަކީ ވަލީއުލް އަމްރު.

    15
  4. މާޗް

    ރައްޔިތުން ގެ ކަންކަމަށް ދޭ މުހިންމުކަން އެބަފެނެ.

    21
    1
  5. Anonymous

    ކުރީ ޒަމާނުގައި ގޭގޭގައި ފޫޅު މާމައިން ވިއްސި އިރުވެސް މިޙާލަތަށް ނުދޭ. ފަނި ދޮލަނގަށް ލައިގެން ވެސް އެބަހުރި ކުދިން ސަލާމަތް ކޮށްފައި. މިދޭތެރެއިން ޚަބަރެއްގައި އޮތް ހަނދާނެއް ވެސް ވޭ އައިޖީއެމްއެޗްން ދުވަސް މަދު ކުއްޖަކު ސަލާމަތް ކުރިވާހަކަ. ވ. ދެރަވަރު ކަންކަން މީހުންނަކީ. އެންމެ ފަހުވަގުތައްވެސް މަސައްކަތް ކުރަން ޖެހޭނެ. އާއިލާއިން މައްސަލަ ޖެއްސުމުން ކުރިއަށް މިކަމަށް ހޭލުންތެރިވާނެ. ޝުކުރިއްޔާ ޢާއިލާ. ލޮބުވެތި އެތައް ތުއްތު ފުރާނަތަކެއްގެ ރައްކާތެރި ކަން ހޯދުމަށް ތިޔަ ފިޔަވަޅު އަޅައި ދެއްވީ

    11
  6. ޚިޔާލު 3

    ކުރެވެންއޮތްކަ މެއް ނުކޮށް މަރުވާން ދޫކޮށްލު މަކީ ކުރަން ހެއުވާނެ ކަ މެއްތޯއެވެ. ދިރިއޮތިއްޔާ އުއް މީދެއް އޮންނަންވާނެއެވެ. އިހު މާލު ވު މަކީ ކުށެކެވެ.

    13
    2
  7. ރަނާ

    އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި އަހުންނަށް ފެނުނީ 22 ހަފްތާ ނުވާ ކުއްޖަކު ސަލާމަތް ނުކުރެވޭނެ ވާހަކަ އޮއްވާ.މިލިޔުމުގަވެސް މިވަނީ 22 ހަފްތާވީ ކުދިން ސަލާމަތް ކުރެވުނު ވާހަކަ . އެހެންވީމަ އެތަނުން ބުނާ ވާހައަށްތާ ބާރުމިލިބެނީ

    3
    8
  8. ޞބބ

    ކުޑަމިނުން ޓްރައި ކޮށްލާފަ ސަލާމަތް ނުކުރެވޭނޭ ބުނި ނަމަަވެސް އޯކޭ.. ހޮސްޕިޓަލް ލަދުގަންނަން ޖެހޭ

  9. ަަައަހަރެން

    އަޅުގަނޑުވެސް މިދިޔަ އަހަރު ބަނޑަށް 5މަހުން ޓްވިންސް ވިހެއިން. އައިޖީ އެމްއެޗުން އެވެސް ހަމަ.އެއްވެސް ފަރުވާއެއް ނުދީ ނިޔާވަންދެން ދެކުދިންވެސް ބޭއްވީ😭😭😭😭

    10
    1
  10. ތިމަންނަ

    އައި ޖީ އެމް އެޗް ( އައި= އިންސާނުން ، ޖީ = ގަސްދުގާ ، އެމް = މަރާ ، އެޗް= ހޮސްޕިޓަލް) މިހެން ވަމުން ދާނަމަ މިގޮތަށްވެސް ވީ ދާނެ ދޯ؟؟؟؟؟؟؟؟

  11. އަހްމަދު

    ދިވެހި ބަހުން ފަސް މަހުގެ ކުއްޖެކެކޭ ބުނެވޭނެ 20-24 ހަފްތާގެ ކުއްޖަކަށް. މީގައި ބަލަނީކީ ހަމައެކަނި އުމުރަކަށްވެސް ނޫން. ބަރުދަންވެސް ވަރަށް މުހިއްމު. ކުއްޖާ އުފެދިފައިވަނީ ކޮން ލެވެލްއަކަށް ކަންވެސް ވަރަށް މުހިއްމު. މިފަދަ ބައިވަރު ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު އާއިލާއަށް ކިޔާދީފައި ގޮތެއް ނިންމަނީ. އެތައްބައިވަރު މެޝިނެއްގެ އެހީގައި އެފަދަ ކުދިން ގިނަ ދުވަހު އޮވެފައި ނިޔާވުމަކީ ވަރަށް ގާތްކަމެކެވެ. ވީމާ ހޮސްޕިޓަލްގައި ވަސީލަތްތައް ހުންނަ ގޮތަށް ބަލާފައި ވަކި ދުވަހެއް ނުފުރާ ކުދިން ރިސަސިޓޭޓް ނުކުރާ ގޮތަށް ޕްރޮޓޮކޯލްތައް ހަދާފައި ހުރެއެވެ. ނަމަވެސް ފުރާނައަށް އިހުތިރާމް ކުރުމާއި ގަދަރު ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭކަމަކެވެ.

  12. ހަގީގަތް

    މިހަބަރުތައް ކިޔާފަ ވ ދެރަ ވެއްޖެ. ﷲ އެ މަންމަ އަށާ އާއިލާއަށް ކެތްތެރިކަން ދެއްވާށި.

  13. ފައި

    ބަލަ ސަލާމަތް ނުކުރެވޭނެޔޭ ކިޔާ އަޅާނުލުމެއްނޫން ދޯ މިކަމުގައި އޮންނަންވާނީ.އެންމެ ފަހުވަގުތާއި ޖެހެންދެންވެސް ސަލާމަތް ކުރެވޭތޯ ބަލަންވާނެނު. މި ލިޔުމައި މިވާގޮތަށް ކަން ހިނގައިފައިވާނަމަ މިކަމަކީ ވަރަށް ބޮޑު އިހުމާލެއް. ކޮވިޑް-19 މީވެސް ފަރުވާއެއް ނެތް ބައްޔެއް ކަމަށް ވަނީ ދެން ކީއްކުރަން މީހުން އެކަހެރި ކޮށް ފަރުވާކުރަމުން މިދަނީ !!! ބަލަ ސަލާމަތްކުރެވޭތޯ ދޯ. އަޖީއެމްއެޗްއިން މިގޮތަށް ބުނެފައިވުމަކީ ލަދުވެތިކަމެއް. އަދި އިންސާނިއްޔަތު ކަމެއްނެތްކަން ހާމަވާކަމެއް. ކޮންމެވެސް ވަރެއްގެ މަސައްކަތެއް އެކުއްޖާ ސަލާމަތް ކުރަން ކުރެވުނުނަމަ މިފަދަ ލަދުވެތިގޮތަކަށް ނުދިޔައީސް..... އަސްލު ވަރަށް އަސަރުކޮށްފި ....

    2
    1