ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނާ މައްސަލައިގައި ދައުވާ ނުކުރަން ކުރިން ނިންމި ނިންމުމާ ގުޅިގެން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ވަޒީރުކަން އަލުން ދޭން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި އެއް ބަޔަކީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ތުހުމަތުކޮށްފައެވެ. އޭސީސީ އިން އެ މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަށް ފޮނުވުމުން ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފައެވެ.

އަލުން މައްސަލަ މުރާޖާ ކުރުމަށް ފަހު ޕީޖީ ހުސެއިން ޝަމީމްގެ ނިންމުން ބަދަލެއް ނުކުރެއްވިއެވެ. އާއްމުންގެ ކަންބޮޑުވުން ވެސް އިންތިހާއަށް އޮތް ބޮޑު މައްސަލައިގައި ޝަމީމް އިއްޔެ އޭސީސީ އަށް އަންގަވާފައި ވަނީ ވެންޓިލޭޓަރުގެ މައްސަލާގައި އެއްވެސް ބަޔަކަށް ދައުވާ ނުކުރަން މީގެ ކުރިން ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ޕީޖީގެ އެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ވެންޓިލޭޓަރުތައް ރައްޔިތުންނަށް ދައްކަން ޖެހޭ ކަމަށެވެ. އަދި އަމީނަށް ވަޒީރުކަން އިއާދަކޮށްދީފައި ލިބުނު ގެއްލުނު ބަދަލު ވެސް ދޭން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިއީތޯ ވެރިކަމަށް އަންނަންކީ ޒީރޯ ޓޮލަރެންސްގެ ޅެމަކީ؟" ޝިޔާމް ވިދާޅުވިއެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ނުކުރާނެކަން ޕީޖީ ޝަމީމް އޭސީސީ އަށް އަންގާފައިވާ އިރު، އޭސީސީގެ ރިޕޯޓު ނެރުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ ހެލްތު މިނިސްޓަރު ކަމުން އަމީން ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަމީން ވަޒީރު ކަމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާގެ މައްޗަށް ރައްޔިތުންގެ މަޖިލިހުގައި އިތުބާޜު ނެތް ކަމުގެ ވޯޓެއް ނަގަން ތައްޔާރުވަމުން ދަނިކޮށެވެ.

އެކަމަކު، އަމީންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ފެނޭތޯ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ނެގި ވޯޓުގައި އެ މައްސަލަ މަޖިލިހަށް ހުށަހަޅަން ފާސްވެފައެއް ނުވެއެވެ. އެ ބައްދަލުވުމުގައި ނިމުނީ އަމީންގެ އިތުބާރު އޮތް ކަމަށެވެ.

އެކަމަކު، ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިވަމުން އަންނަ ކަމަށް ވިދާޅުވެ، އަމީން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕޮއް

    ރަނގަޅަށް ވިއްޔާ ތިޔަ ޝަމީމަށްވެސް އޭގެން ބައެއް ލިބިފައި އޮންނާނީ. އޭސީސީން ނިކަން ރަނގަޅަށް ތަހުގީގު ކޮށްލަބަލަ.

    22
  2. އަހުމަދު

    ނުޖެހޭނެ، އަމިއްލަޔަށް އިސްތިއުފާދިނީ.

    7
    4
  3. އިބޫ---

    ބަލާނެ ދެވޭތޯ؟ އެއީ މިހާރު ހުރި މީހަކީ އަންނި ގެ މީހެއް ކަމުން

    7
    2
  4. މަލާހް

    އެއީ ކަލެޔާބެހޭކަމެއްނޫން.. އޮޅިގެންނޫޅެ

    3
    10
  5. ހިންނަވަރު ކުޑަ މޯދީ

    ޥެންޓިލޭޓަރ ހިޔާނަތް ، އަންނަ ސަރުކާރުންބަލާނެ
    މަތިފަޑި އެއްކޮށް ޖަލަށް ދާނެ ކަމަށް މި ބަލަނީ ، ދުނިޔޭގެ ކޮންމެ ތާކު ދިރިއު ޅުނަސް އަދި ރަށްވެހިކަން ބަދަލު ކުރިޔަސް ހޯދާފަ ގޮ ޅީގައި އޮންނަން ޖެހޭނެ.😭

    9
    1