ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ޤާނޫނީ ވަކީލާއި ބައްދަލު ނުކުރެވޭތާ މަހަކަށްވުރެ ގިނަ ދުވަސްވީ ފަހުން އިއްޔެ އަދީބަށް ޤާނޫނީ ވަކީލާއި ބައްދަލު ކުރެވިއްޖެ ކަން އޭނާގެ ޤާނޫނީ ވަކީލުން ކަށަވަރު ކޮށްދީފިއެވެ.

އަދީބުގެ ވަކީލު މޫސާ ސިރާޖު ވަނީ އިއްޔެ ދޫނިދޫއަށް ވަޑައިގެން އަދީބާ ބައްދަލުކޮށްފައެވެ.

އަދީބުގެ އާއިލާ އިން ކުރިން ބުނެފައިވާ ގޮތުގައި އަދީބަށް ޤާނޫނީ ވަކީލުގެ ބައްދަލުވުން ފުލުހުން ހަމަޖައްސައި ނުދެނީ ގަސްދުގައި އަދީބާއި މެދު ތަފާތުކުރުން ގެންގުޅުމުގެ ގޮތުންނެވެ.

އަދީބަށް ވަކީލާއި ބައްދަލު ނުކުރެވޭތީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ބައެއް ދައުވާތަކުގެ ޝަރީޢަތް ވެސް ވަނީ ކެންސަލް ކޮށްފައެވެ.

ޙުކުމް ތަންފީޒު ކުރަމުން ގެންދިޔަ ނަމަވެސް އަދީބު ހުންނަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައެވެ. އެއީ އަދީބުގެ ސަލާމަތީ ކަންތައްތައް ކަރެކްޝަނަލް ސާވިސް އަށް އެންމެ ފުރިހަމައަށް ނުބެލެހެއްޓޭތީ ކަމަށްވެއެވެ.

މިހާރު ވެސް 33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ގެންދާ އަދީބުގެ މައްޗަށް ދައުވާ އުފުލާފައިވާ ގިނަ މައްސަލަތަކެއްގެ ޝަރީޢަތް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ބައެއް މައްސަލަތަކުގެ ތަޙްޤީޤު ފުލުހުން މިހާރު ވެސް ކުރަމުން ގެންދެއެވެ.