ކުރީގެ ރައީސް މަޢޫމޫނު ޢަބްދުލް ޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޢަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިރެޔަށް ތާވަލުކޮށްފިއެވެ.

މި އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މިރޭ 21:15 އަށެވެ.

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް ދައުލަތުން އުފުލާފައި ވެއެވެ. އެންމެ ފަހުން މި މައްސަލާގައި ތާވަލުކުރި އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާގެ އަޑު އެހުންތައް ފަށާފައިވާއިރު، ދައުލަތުން ހުށަހަޅާ ހެކިންނާއި ދިފާއުގައި އުއްތަމަ ފަނޑިޔާރާއި ޢަލީ ހަމީދު ހުށަހަޅާ ހެކިން ހާމަކޮށްފައިވެއެވެ. ނަމަވެސް މަޢުމޫނުގެ ވަކީލުން މައްސަލައިން ތަނާޒުލް ވެފައިވާތީ މަޢުމޫނު ހެކި ހުށަހެޅުމަށް އުޒުރުވެރިވުމުން ހެކި ހުށަހެޅުމަށް ޝަރީއަތުން ފުރުޞަތު ދީފައިވެއެވެ. ނަމަވެސް މަޢުމޫން ހެކި ހުށަހެޅިކަން ނުވަތަ ނޫންކަން ސާފެއް ނުވެއެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނެނީ، އުއްތަމަ ފަނޑިޔާރުގެ ފޯނު ވީތަނެއް ނޭނގޭކަމަށް ބުނެ ފުލުހުންގެ ތަހްޤީގަށް ދީފައިވާ ބަޔާނާއި، ދެ ސިއްރު ހެކިވެރިންގެ އިތުރުން ދެ ފުލުހުންނެވެ. އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނެނީ، ޢަލީ ހަމީދު ފުލުހުންގެ ތަހްޤީގަށް ދީފައިވާ ބަޔާނާއި، ތިން ސިއްރު ހެކިވެރިންންގެ އިތުރުންދެ ފުލުހުންނެވެ. މީގެ އިތުރުން މަޢުމޫން ޢަބްދުލްޤައްޔޫމާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނެނީ، ސިއްރު ހެކިވެރިޔަކާއި، ދެ ފުލުހެކެވެ.

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ ދިފާއީ ހެކިންގެ ގޮތުގައި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދުއާއި، ސްޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޜަންގެ ވެރިޔާ އާތިފާ އިބްރާހިމް ހުށަހަޅާފައިވާއިރު، ފަނޑިޔާރު ޢަލީ ހަމީދު ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ ހަސްމާ ހުސައިންނާއި، ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދުގެ އިތުރުން ސ.ހުޅުދޫ، ކާމިނީ ފާތިމަތު ނަސިރާއެވެ.

މި ދައުވާގެ އިތުރުން މި ތިން ބޭފުޅުންގެ މައްޗަށް ވަނީ ނިރުބަވެރި (ޓެރަރިޒަމް) ގެ ދައުވާ ވެސް އުފުލާފައެވެ.