ހއ. އިހަވަންދޫގައި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ ގޮތްޕަކާއި ހުނަރާއި މަސައްކަތްތެރިން ދަސްކޮށްދޭ ވޮކޭޝަނަލް ސެންޓަރެއް ގާއިމުކޮށް ދެއްވާނެ ކަމަށް ޕީޕީއެމްގެ ޓިކެޓުގައި އިހަވަންދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައްވާ އަހުމަދު ސޮބާހް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ފަރާތުން ކައުންސިލަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ބޭއްވެވި ބައްދަލުވުމުގައި ސޮބާހު ވިދާޅުވީ، އިހަވަންދޫ އަކީ މުޅި އަތޮޅަށް ބަލާ އިރު، އެންމެ ގިނަ ދަރިވަރުން ކިޔަވައި ނިމިގެން ނުކުންނަ ރަށަށް ވާނެ ކަމަށާއި ނަމަވެސް މިހާރުގެ ކައުންސިލުން ރަށުގައި މަތީ ތައުލީމު ހާސިލް ކުރުމަށް އެހާ ގިނަ ފުރުސަތުތަކެއް ހުޅުވާލާފައި ނެތް ކަމަށެވެ.

އެގޮތުން ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވައި ނިންމާލުމަށް ފަހު ނުކުންނަ ރަށަކާ އަޅާބަލާ އިރު، ކޮލެޖްތައް މަދުކަމަށް ސޮބާހު ވިދާޅުވިއެވެ.

އެހެންކަމުން އެ ބޭފުޅުންގެ ކައުންސިލެއްގައި އިހަވަންދޫގައި ގައުމީ ޔުނިވާސިޓިގެ ގޮތްޕަކާއި އިތުރު ކޮލެޖްތަކުގައި ގޮފިތައް ގާއިމުކޮށް، ރަށުން ބޭރަށް ނުގޮސް ރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ސޮބާހު ވިދާޅުވިއެވެ.

ޕީޕީއެމްގެ ޓިކެޓުގައި އިހަވަންދޫގެ ކައުންސިލް ރައީސްއަށް ކުރިމަތިލައްވާ މުހައްމަދު ސޮބާހު-- ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހު

ހަމައެއާ އެކު ކުދިންނަށް އެކި ކަހަލަ ތަމްރީނުތަކާއި މަސައްކަތްތައް ދަސްކޮށްދިނުމުގެ ގޮތުން ވެކޭޝަނަލް ސެންޓަރެއް ވެސް އިހަވަންދޫގައި ގާއިމު ކޮށްދޭނެ ކަމަށް ސޮބާހު ވިދާޅުވިއެވެ.

"އެ ސެންޓަރު ގާއިމު ކުރުމަށްފަހު އެތަނަކީ އެކި ފެންވަރުގެ ތަމްރީނު ލިބިފަ ތިބި ފަރާތްތައް ގެނެވި، އަދި ކޮލެޖުތަކާއި ޔުނިވާސިޓީތަކާއި ގުޅި، އަދި އެކި އެކި މާލީ ގޮތުންވެސް އެހީތެރިކަން ހޯދި ފުރިހަމަ ސެންޓަރެއްގެ ގޮތުގައި ގާއިމުކޮށް އެފަދަ ކުދިންނަށް ފުރުސަތުތައް ހުޅުވިގެން ދާނެ ކަމުގެ ޔަގީންކަން ދެން" ސޮބާހު ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ގިނަ ދުވަސްތަކެއް ވެފައިވާ ރަށުގެ ޕްރީސްކޫލުގެ އިމާރާތް ބޭނުން ކުރެވޭ ގޮތް ހަދައި މީގެ ކުރިން ދެވިފައި ނުވާ ރަށަށް ރީތި ނަން ހޯދައި ދޭ ފަރާތްތަކަށް ހާއްސަ ޝަރަފު ވެސް އެ ބޭފުޅުންގެ ކައުންސިލެއްގައި ދޭނެ ކަމަށް ސޮބާހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ތިބޭފުޅާ އަމިއްލަ ލާރީގަތަ އަޅަނީ. އެހެންވީރު ޔުނިވަރސިޓީއެއް އަޅަންވީނު. ވަކިވަރަކަށް ގަމާރުވާންވެސް ވާނީ. ސަރުކާރު ބޭނުންކަމެއް ކަލެޔަށްވެސް ވާނީ

    7
    4
  2. ދުންތަރި

    ހެޔޮނުވާނެ، ތިވަރަށް ކޮސްނުގޮވާ، އެމްއެންޔޫ އެއީ ތިޔަބޭފުޅާ ހިންގާތަނެއްތަ ؟ ނަންބޯޑު ޖެހިޔަސް ޔުނިވާރސިޓީ އަކަށްނުވާނެ

    3
    1