މަސްތުވާތަކެތި ބޭނުން ކުރާ ޒުވާނުންނާއި އެހެނިހެން އެފަދަ ވަބާތަކަށް އަރައިގަންނަ ޒުވާނުން އެ ކަންކަމުން ސަލާމަތްކޮށް މުޖުތަމައުގައި ބޭނުން ހިފޭ ބަޔަކަށް އެމީހުން ހަދައި ޒުވާނުންނާ ގުޅިގެން ރަށް ކުރިއަރުވަން މަސައްކަތް ކުރައްވާނެ ކަމަށް އިހަވަންދޫ ކައުންސިލްގެ މެމްބަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވާ މުހައްމަދު އަރީބު ރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ފަރާތުން ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ބޭއްވި ބައްދަލުވުމުގައި އަރީބް ވިދާޅުވީ ޒުވާނުންގެ ތެރޭގައި މޮޅަށް ކިޔަވައިގެން ތިބި ޒުވާނުން ތިބި ކަމަށާއި މިހާރު އޮތް ކައުންސިލުން އެ ބޭފުޅުންނަކީ ބާކީ ކޮށްލެވިފައިވާ ބޭނުން ނެތް ބައެއް ގޮތުގައި ސިފަ ކުރަމުން އަންނަ ތަން ފެންނަ ކަމަށެވެ. އެކަމުގެ ސަބަބަކަށް ގިނަ ފަހަރު ވެފައި އޮންނަނީ އެ ޒުވާނުންނަކީ މަސްތުވާތަކެތި ނުވަތަ އެފަދަ ކޮންމެ ވެސް ވަބާއެއްގައި ޖެހިފައިވާ މީހަކަށް ވުން ކަމަށް އަރީބު ވިދާޅުވިއެވެ.

"އެ ޒުވާނުންނަކީ ބާކީ ކުރެވިފައި ނެތް ބައެއް ގޮތަށް، އެ ޒުވާނުންނަކީ ރަށުގެ ތަރައްގީއަށް އަދި މިރަށުގެ ކުރިއެރުމަށް އެބޭފުޅުންގެ ހިއްސާ އޮވެގެން އެ މުޖުތަމައެއް ބިނާ ކުރުމުގައި އެބޭފުޅުން ވެސް އެ މުޖުތަމައެއްގެ ހިއްސާދާރުންގެ ގޮތުގައި ހެދުމަށްޓަކައި އަޅުގަނޑުމެންގެ ވިސްނުން އެބަހުރި" އަރީބު ވިދާޅުވިއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައްވާ ރައީސް އާއި މެމްބަރުން-- ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހު

އަރީބު ވިދާޅުވީ، އެފަދަ ޒުވާނުންނަކީ ބާކީ ކުރެވިފައި ނުވާ، މުޖުތަމައުގައި އަހުލާގީ އަދި ކުށްތަކަށް އަރައިގަތުން މަދު ކުރެވޭނެ ބައެއް ކަން އެ ޒުވާނުންނާ ގުޅިގެން ހައްލު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އިހަވަންދޫގައި މުއައްސަސާތަކެއް ހުރި ނަމަވެސް، ފެންނަން ޖެހޭ ގުޅުމެއް މިހާރު ފެނިގެން ނުދާ ކަމަށާއި އެފަދަ ކަންކަން އެގޮތަށް ހުރުމުން އިޖުތިމާއީ މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށް ވެސް އަރީބު ވިދާޅުވިއެވެ.

އެހެންކަމުން އެބޭފުޅުންގެ ކައުންސިލްގެ ދައުރެއްގައި ކަމާ ގުޅުން ހުރި އިދާރާތަކާއި މުއައްސަސާތަކާ ގުޅިގެން ކަންކަން ކުރައްވާނެ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑު ތަނުން މައްސަލަތައް ހައްލު ކުރެވިގެންދާނެ ކަމަށް އަރީބު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަޜި

    ޢާ ޑުރަގު ދޭނެކަންއިނގޭ

  2. އަންނި

    މޑޕ ވެރިކަމުގަ ހުރިހާ ޒުވާނުންނަތް މިނިވަންކަން ލިބޭނެ.