(ހއ.އިހަވަންދޫ) އިހަވަންދޫ ބަނދަރު ސަރަހައްދުގައި ބިލު ކުރެވިގެން ފެނާއި ކަރަންޓާއި އެހެނިހެން ހިދުމަތް ލިބޭނެ އިންތިޒާމު ކުރިއަށް އޮތް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ހަމަ ޖައްސާނެ ކަމަށް އިހަވަންދޫ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލައްވާ މުހައްމަދު ޒާހިރު ހަސަން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ކައުންސިލްގެ ރައީސް އާއި މެމްބަރުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒާހިރު ވިދާޅުވީ، ރަށަށް ބަލާއިރު، ބޮޑު ބަނދަރެއް ރަށުގައި އެބައޮތް ކަމަށާއި އެހެން ނަމަވެސް އެއްވެސް ކަހަލަ ތަރުތީބެއް ބަނދަރުގައި ފެންނަން ނެތް ކަމަށެވެ.

އެހެން ނަމަވެސް ޕީޕީއެމް ކެންޑިޑޭޓުންގެ ކައުންސިލެއްގެ 5 އަހަރު ނިމޭއިރު، ރަށުގެ ބަނދަރު އޮންނާނި ތަރުތީބު ކުރެވިފައި ކަމަށް ޒާހިރު ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ކައުންސިލެއްގައި ބަނދަރު އޮންނާނީ ތަރުތީބު ކުރެވިފައި. ބަނދަރުގައި ލޯންޗު ފަހަރަށް ހާއްސަ ބައެއް އޮންނާނެ އަދި މަސްވެރިންނަށް ހާއްސަ ބައެއް އޮންނާނެ." ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ، އިހަވަންދޫ ބަނދަރަކީ ގިނަ އަދަދެއްގެ ދޯނިފަހަރު ލަފާ ފުރާ ބަނދަރެއް ނަމަވެސް އެ ދޯނި ފަހަރަށް ބޭނުންވާ އެއްވެސް ކަމެއް ރަށުގެ ބަނދަރުން ލިބެން ނެތް ކަމަށެވެ. އޭގެ ތެރޭގައި ބޭނުންވާ ފެން، ކަރަންޓު ލިބޭނެ އިންތިޒާމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުރަތަމަ އެއް އަހަރުގެ ތެރޭގައި ވަރަށް ފަސޭހަ ކަމާއި އެކު ފެން އޮޑި ފަހަރަށް ލިބޭނެ ނިޒާމެއް އޮންނާނެ. އަދި ކޮންމެ އޮޑިއަކުން ވެސް ބިލު ކުރެވޭނެ ގޮތަށް ކަރަންޓު ބޭނުންވެއްޖެނަމަ ބަނދަރުން ވަރަށް ފަސޭހަ ހިސާބުތަކުން ކަރަންޓު ނެގޭ ގޮތަށް ހުންނާނެ. މީގެ އިތުރުން ބޯފެން ވެސް ބިލު ކުރެވިގެން ލިބޭނެ" ޒާހިރު ވިދާޅުވިއެވެ.

މިކަންކަމުގެ އިތުރުން އައިސް ބޭނުންވާ މަސް ދޯނި ފަހަރަށް ފަސޭހަ ކަމާއި އެކު އައިސް ހޯދުމަށް ދޯނި ފަހަރު ކައިރި ކުރެވޭނެ ހިސާބަކާއި ބަނދަރުގައި ރަނގަޅު ފެންވަރެއްގެ ސިޑި ބަރިތަކެއް ވެސް ގާއިމު ކުރާނެ ކަމަށް ޒާހިރު ވަނީ ވިދާޅުވެފައެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެދުރުބޭ

    ސާބަސް! ރަން ފަސްއަހަރު ނިމުނުއިރު އަދި ތިޔަދައްކަނީ ހާދަ ހޮޅި ކަންތައްތަކެއްގެ ވާހަކައޭ!

    6
    8
  2. ހޯރަ

    މިހާރުވެސް ހޯރަފުށި ބަނދަރުން ހިލޭ ފެންލިބޭނެ
    ސޯލާއާއި ބެޓެރި އަދި އިންޖީނު މިހާރު ކޮންމެ ދޯންޔެއްގަ ހުރޭ އެއިން ކަރަންޓު އަމިއްލަޔައް އުފެއްދޭ