މިނިސްޓްރީ އޮފް ހެލްތް އާއި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގުޅިގެން، ޑިޕްލޮމާ އިން ރޭޑިޔޯގްރަފީ ކޯސް ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކޯސް އިފްތިތާހު ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޝިލް ފައިސަލް ނަސީމެވެ.

މި ޑިޕްލޮމާ އިން ރޭޑިޔޯގްރަފީ ކޯހުން ފާސްވާ ބައިވެރިންނަށް ލެވެލް ފަހެއްގެ ނެޝަނަލް ސެޓްފިކެޓްއެއް ލިބިގެންދާނެއެވެ.

އެސްޓީއޯއިން ބުނީ، މި ކޯހުގެ މަޤްސަދަކީ ވަޒީފާގެ ބާޒާރުގައި ރޭޑިއޯގްރަފީ ޓެކްނީޝަނުންގެ ގޮތުގައި ދިވެހިން ބިނާކޮށް އަދި ވަޒީފާ އަދާކުރާ ފެންވަރު ހުރި ދިވެހިން އިތުރު ކުރުން ކަމަށެވެ. އެގޮތުން، އެސްޓީއޯ ސީ.އެސް.އާރ ގެ ދަށުން، ފުރަތަމަ ބެޗް އަށް ހުޅުވާލެވޭ 20 ޖާގަ އެސްޓީއޯ ސްޕޮންސަރ ގެ ދަށުން ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

ޑިޕްލޮމާ އިން ރޭޑިޔޯގްރަފީ ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖީއީ ހެލްތް ކެއަރގެ ކަރިކިއުލަމްއަކަށް "ފުލްޓައިމް" ކޯހެއްގެ ގޮތުގައިއެވެ. މި ޑިޕްލޮމާ ކޯސް ފުރިހަމަކުރާ ފަރާތްތަކުން އެމްއެންޔޫ އިން ހިންގާ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެސްޓީއޯއިން ބުނީ، މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކްލާސްރޫމް ގަޑިތަކުގެ އިތުރުން ލެބްގެ ޓްރެއިނިންގތަށް ހިމަނައިގެން ކަމަށާއި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މިންގަނޑުތަކާއި އަދި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ މިންގަނޑުތަކާއި އެއްގޮތަށް ކަމަށެވެ.