ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު، ޖަންގ ލިޖޮންގްގެ މަސައްކަތް ދިވެހިން ހަނދާން ހުންނާނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ، ސަފީރު މިއަދު ޝާހިދުވެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގައެވެ.

މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީނ އޮތް މި ބައްދަލުވުމުގައި، ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެމްބެސެޑަރ ޖަންގ ކުރެއްވި މިންނެތް މަސައްކަތަށާއި، އޭނާގެ ސަފީރުކަމުގައި ރާއްޖެއަށް ވެދެއްވި އެހީތަކަށް މިނިސްޓަރ ޝާހިދުވަނީ ޝުކުރު އަދާ ކޮށްފައެވެ.

އަދި ކުރިއަށް އޮތްތަނުގައިވެސް ހާރިޖީ ގުޅުމުގެ ތެރެއިން ދިވެހި ސަރުކާރާއި ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެމްބެސެޑަރ ޖަންގ ދެއްވިއެވެ.

މި ބައްދަލުވުމުގައި ޝާހިދު ވަނީ ރާއްޖޭގެ ތަރައްގީއާއި، އިޖްތިމާޢީ ކަންކަމުގައި ދެއްވި އެއްބާރުލުމުގެ ސަބަބުން ދިވެހިންގެ މެދުގައި އެމްބެސެޑަރ ޖަންގގެ މަގުބޫލުކަން ފާހަގަކުރައްވާފައެވެ.

އަދި ކޮވިޑް-19 ގެ ހީނަރުކަމުން އަރައިގަތުމަށް ދިވެހިރާއްޖެއަށް ވެދެއްވި އެހީއަށް މިނިސްޓަރ ޝާހިދު ޝުކުރު ދެންނެވިއެވެ.

އަދި ކުރިއަށް އޮތްތަނުގައި އެމަނިކުފާނު ކުރައްވާ މަސައްކަތްތައް ކާމިޔާބުވާނެކަމަށް އުއްމީދު ކުރައްވާކަމަށާއި، ރާއްޖެއިން އަބަދުވެސް އެމަނިކުފާނަށް މަރުހަބާ ދަންނަވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އެމްބެސެޑަރ ޖަންގް ލިޖޮންގްއަކީ ދިވެހިރާއްޖޭގައި ޗައިނާގެ އެމްބަސީއެއް 2011 ގައި ހުޅުވިފަހުން ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި 3 ވަނަ ސަފީރެވެ. އެމަނިކުފާނު ސަފީރުކަމާއި ހަވާލުވީ އޮގަސްޓް 2017 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އުދުހޭ ކާޕެޓްގައި އުޅެނިކޮށް ދެފައި ކަހާލައިގެން ބޯކޮޅު ސިޑިއަށް ވެއްޓި ޑިންތަލަ ޖެހުމުން ޢަބްދުﷲ ޝާހިދަށް ޗައިނާ ސަފީރު މަތިން ހަދާންވެއްޖެ!