ކ. ހިންމަފުށީގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވެ، އެންމެ ފަހުން ބަލި ރަށު ތެރެއަށް ފެތުރިއްޖެއެވެ.

ހިންމަފުށީގައި އެންމެ ފުރަތަމަ ކޮވިޑް-19 ފެތުރެން ފެށީ، އެ ރަށުގައި ހުންނަ އައްސޭރި ޖަލުގައި އާއި ބައެއް ފެކްޓަރީތަކުގައެވެ. އެކަމަކު، މިހާރު ރަށު ތެރޭގައި ވަރަށް ބޮޑަށް ބަލި ވަނީ ފެތުރިފައެވެ. އަދި ބައެއް ގޭގެއިން ގިނަ ބަޔަކު ދަނީ ކޮވިޑަށް ފައްސިވަމުންނެވެ.

އެ ރަށުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 85 އަށް އަރައިފައެވެ.

ހިންމަފުށީ ސިއްހީ މަރުކަޒުގެ އޮފިޝަލަކު މިއަދު "ވަގުތަށް" ވިދާޅުވީ އެ ރަށުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 30 މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. މިއީ މި ފަހުން އެ ރަށުން މިހާ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ ފަހަރެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މިވަގުތު ރަށު ތެރޭގައި ވަރަށް ބޮޑަށް ބަލި ވަނީ ފެތުރިފައެވެ. އެގޮތުން ކޮވިޑަށް ފައްސިވި މީހުންނާއި ގާތުން އެއްތާންވި މީހުންނާއި ރޯގާ ޖެހިގެން ފްލޫ ކްލިނިކަށް ގޮސް ޑޮކްޓަރަށް ދައްކާ މީހުން ވެސް ކޮވިޑަށް ފައްސިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ރަށު ތެރޭގައި ވަނީ ބަލި ފެތުރިފައި. ޑައިރެކްޓް ކޮންޓެކްޓުންނާއި ފްލޫ ކްލިނިކަށް ދައްކާ މީހުން ހިމެނޭ،" އޮފިޝަލް ވިދާޅުވިއެވެ.

ހިންމަފުށީގައި ކޮވިޑް-19 ފެތުރިފައިވާތީ، ސިއްހީ މަރުކަޒުން އެދިފައި ވަނީ ހުރިހާ އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށެވެ. އެގޮތުން މާސްކް އެޅުމާއި ގައިދުރުކުރުމާއި ގިނަ ގިނައިން އަތް ދޮވުމަށް ސަމާލުކަން ދިނުމަށް ސިއްހީ މަރުކަޒުން އިރުޝާދު ދީފައިވެއެވެ.

ހިންމަފުށިން ކޮވިޑަށް ފައްސިވި މީހުންގެ ތެރޭގައި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި ޖަލުގައި ކޭޓަރިން ބައިގައި އުޅޭ ބައެއް މީހުންނާއި ގިނަ އަދަދެއްގެ ބިދޭސީން ހިމެނެއެވެ.

ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން، ކޮވިޑް-19 ބޮޑަށް ފެތުރެނީ މާލެ އަށް ވުރެ ބޮޑަށް ރާއްޖޭގެ ރަށްރަށުގައެވެ. އެގޮތުން ލ. މާންދޫ އއ. މަތިވެރި އާއި ބ. އޭދަފުއްޓާއި ކ. މާފުއްޓާއި ތ. ވޭމަންޑޫ އާއި ޅ. ނައިފަރުގައި ވޭދަނަތައް ވަރަށް ބޮޑަށް އިތުރެވެ. މިއީ ކޮވިޑްގެ އެކްޓިވް ވޭދަނަތައް އެންމެ ގިނަވެފައިވާ ރަށްތަކެވެ. މިއިން ކޮންމެ ރަށަކުން 100 އަށް ވުރެ ގިނަ ވޭދަނަ މިހާރު ވަނީ ފެނިފައެވެ.

ރާއްޖެ އިން މިހާތަނަށް 29،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 73 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު