ޕެސިފިކު އޭސިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ އެގްޒެކެޓިވް ބޯރޑަށް ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް އިންތިހާބުވެެއްޖެއެވެ.

ޕާޓާއަކީ ޓޫރިޒަމް އިންޑަސްޓްރީގެ އަމިއްލަ ފަރާތްތަކާއި ގައުމުތަކުގެ ޓޫރިޒަމް އިދާރާތައް ބައިވެރިވާ، އޭޝިއާ ޕެސިފިކުގެ ފަތުރުވެރިކަން ދެމެހެއްޓެނިވިގޮތައް ކުރިއަރުވަން މަސައްކަތްކުރާ އިންޓަރނޭޝަނަލް ޖަމިއްޔާއެކެވެ. ޕާޓާގެ ވޯޓުލާ މެންބަރުންގެ މެދުގައި އޮންލައިން ކުރިއަށްގެންދިޔަ ސިއްރު ވޯޓު ކާމިޔާބުކުރައްވައިގެން، މައުސޫމް އެގްޒެކެޓިވް ބޯޑަށް އިންތިޚާބުވެ ކޮށްފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ކޮވިޑް-19ގެ ޕެންޑަމިކުން އަރައިގަތުމުގެ ގޮތުން ޕާޓާއިން ހިންގަމުން ގެންދާ ހަރަކާތްތަކުގައި ދިވެހި ސަރުކާރާއި ޓޫރިޒަމް އިންޑަސްޓްރީގެ އަމިއްލަ ފަރާތްތައް ދަނީ ބައިވެރިވަމުންނެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅުންހުރި މަޢުލޫމާތުތައް ދުނިޔެއަށް ހިއްސާކުރުމަށް ބޭއްވޭ ވެބިނަރތައް ފާހަގަކޮށްލެވޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ޕާޓާގެ ޕްރޮގްރާމްތައް ހިންގުމުގައި ބައިވެރިވެ އެހީތެރިކަންފޯރުކޮށްދޭ 32 ޗެޕްޓަރ ދުނިޔޭގެ ކަންކޮޅުތަކުގެ ހިމެނޭއިރު ޕާޓާ މޯލްޑިވްސް ޗެޕްޓަރގެ ޗެއަރ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި އިސްދައުރެއް އަދާކުރައްވަމުން ގެންދަވާ، ޢަބްދު ގިޔާސް (ހ.ލޭޑީބާރޑް އާގެ) އެވެ.

ޕާޓާގެ މިހާރުގެ ޗީފް އެގްޒެކެޓިވް އޮފިސަރ މާރިއޯ ހާރޑްގެ ދައުރު މިމަހު ނިމުމުން ދެން ޕާޓާގެ ސިއީއޯ އަކަށް ހަމަޖައްސަން ނިންމާފައިވާނީ ލިޒް އޯރޓިގިއުރާ އެވެ. އެކަމަނާއަކީ 1951 ވަނައަހަރު ޕާޓާ އުފެދުނީންސުރެ އެ ޖަމިއްޔާއަށް އައްޔަން ކުރާ ފުރަތަމަ އަންހެން ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

ޕާޓާގެ އެގްޒެކްޓިވް ބޯރޑުގެ މިހާރު ޗެއަރއަކީ، ސިންގަޕޫރުގެ އޭސިއާޗައިނާ ރައިވެޓް ލިމިޓެޑްގެ ސީއީއޯ ސޫންވާ ވޮންގއެވެ.