މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރަމުން އައި ސީދާ ދަތުރުތައް އަނެއްކާވެސް ފަށަން ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ޑާކާ އަށް ކުރަމުން އައި ދަތުރުތައް ހުއްޓާލާފައި އޮތުމަށް ފަހު އަންނަ ބުދަ ދުވަހު އަނެއްކާވެސް އެދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. މިދިޔަ މާޗު މަހުގެ ތެރޭގައި ޑާކާ އަށް ވަނީ ހަފްތާއަކު ހަތަރު ދަތުރު ބާއްވާފައެވެ.

މީގެ ކުރިން ޑާކާ އަށް ފްލައިޓްތައް ބާއްވަމުން ގޮސްފައި ވަނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ، އަންގާރަ، ބުދަ އަދި ހުކުރު ދުވަހުއެވެ. އޭރު މޯލްޑިވިއަނުން ޑާކާއަށް ސީދާ ފްލައިޓުތައް ބާއްވާފައި ވަނީ އަންގާރަ އަދި ހުކުރު ދުވަހުއެެވެ.

މޯލްޑިވިއަން އިން ރާއްޖެއާ ޑާކާއާ ދެމެދު ސީދާ ދަތުރުތައް ކުރާ އިރު، ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ގެންދިއުމުގައި އެންމެ ފުޅާކޮށް މަސައްކަތްކޮށްފައި ވަނީ މޯލްޑިވިއަން އިންނެވެ.

އެގޮތުން އެ މަސައްކަތަށް މާލެ އާއި ޑާކާއާ ދެމެދު މޯލްޑިވިއަން އިން 50 ދަތުރުވަނީ ކޮށްފައެވެ.

މި މަސައްކަތުގެ ދަށުން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅޭ 9633 ބަންގްލަދޭޝްގެ ރައްޔިތުން ފޮނުވާލެވިފައިވާ ކަމަށްވެއެވެ.