ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ބާރު ބޮޑުވެދާނެތީ ދިމާވެދާނެ ދަތިތައް ހައްލު ކުރުމަށް، އަވަހަށް ޗެކިން ވުމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން މިއަދު އެދިއްޖެއެވެ.

މޯލްޑިވިއަނުން އާންމު ކުރި ބަޔާނެއްގައި ވަނީ މި މަހުގެ ނިޔަލަށް ވީއައިއޭ ބާރު ބޮޑު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންވެ، މޯލްޑިވިއަންގެ ފްލައިޓުތަކުން ރަށްރަށަށް ދަތުރު ކުރާ މީހުން ދެ ގަޑިއިރު ކުރިން ޗެކިން ވުމަށް ވެސް މޯލްޑިވިއަނުން ވަނީ އެދިފައެވެ.

ފްލައިޓު ފުރުމުގެ އެއް ގަޑިއިރު ކުރިން، ޗެކިން ބަންދު ކުރާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މީގެއިތުރުން އެއާޕޯޓުގެ ޗެކިން ކައުންޓަރު އާއްމު ދުވަސްތަކަށް ވުރެ ބާރު ބޮޑުވާނެތީ، އެ އެއާލައިނުން ދަތުރުކުރާ މީހުން ފްލައިޓު ފުރުމުގެ ތިން ގަޑިއިރު ކުރިން ކައުންޓަރަށް ގޮސް ޗެކިންވުމަށް މޯލްޑިވިއަނުން އެދެއެވެ.

އަދި ބައިނަލްއަގްވާމީ ދަތުރުތައް ކުރާ މީހުން، ދަތުރުކުރާ ގައުމުގެ ޓްރެވަލް އެޑްވައިޒަރީތައް ކޮވިޑާ ގުޅިގެން ބަލައި، އޭގައި ބުނާ ގޮތަށް އަމަލު ކުރުމަށް ވެސް އެ އެއާލައިނުން އެދުނެވެ.

މޯލްޑިވިއަނުން ވަނީ ބައިނަލްއަގްވާމީ ދަތުރުތައް ކުރާ މީހުން ފުރުމުގެ ކުރިން ފުރަން ޖެހޭ "އިމުގަ" ފޯމާއި ދަތުރުކުރާ ގައުމަކުން އިތުރު ފޯމެއް ހުށަހަޅަން އަންގާފައިވާ ނަމަ އެ ފޯމެއް ވެސް ފުރިހަމަކޮށް، އެއާޕޯޓަށް ދިއުމަށް އެދިފައެވެ.

އަދި ކޮވިޑް ވެކްސިނޭޝަން ކާޑާއި ކޮވިޑްގެ ދެ ޑޯޒް ހަމަނުކުރާ ނަމަ ޕީސީއާރު ޓެސްޓު، ޓްރެވެލް ޑޮކިއުމަންޓާއެކު ހުށަހެޅުމަށް ވެސް މޯލްޑިވިއަނުން އެދެއެވެ.