މިހާރު ކޮވިޑް-19 ފެތުރެމުންދާ ކ. އަތޮޅު މާފުށީގެ ހެލްތް ސެންޓަރުގައި މަސައްކަތް ކުރަމުންދާ ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށު ސިއްހީ މަރުކަޒުން ރޭ އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެތަނުގައި މަސައްކަތް ކުރާ ހަތަރު މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ޑޮކްޓަރަކާއި ނަރުހަކު ހިމެނެއެވެ. މީގެ އިތުރުން އެތަނުގައި މަސައްކަތް ކުރާ ރިސެޕްސަނިސްޓާއި ޑްރައިވަރު ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އަދި އެތަނުގައި މަސައްކަތް ކުރާ އިތުރު މުވައްޒަފުންތަކެއް ފައްސިވި މީހުންނާއި ގާތުން އެއްތާވެ ކަރަންޓީންކޮށްފައިވާ ކަަމަށް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.

އެގޮތުން މިހާތަނަށް އެ ސިއްހީ މަރުކަޒުގެ 12 މުވައްޒަފަކު ތިބީ ކަރަންޓީންގައެވެ.

އެރަށު ސިއްހީ މަރުކަޒުން ބުނީ، މިދަތި އުނދަގޫ ވަގުތުގައި މަދު މުވައްޒަފުންނާއި އެކު ހެލްތުގެ މުވައްޒަފުން ކުރަމުން މިދަނީ ވަރަށްވެސް އުނދަގޫ ބުރަ މަސައްކަތެއް ކަމަށެވެ.

މިހާރު އެރަށުން ފައްސިވި އަދަދު 300 އިން މަތީގައި އުޅޭއިރު، 98 ގެ ހުރީ ކަރަންޓީން ކޮށްފައެވެ.