ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތަހުގީގަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

މެންބަރު ސަލީމް އިއްޔެގެ ވަގުތެއްގައި ހާޒިރު ކޮށްފައިވާ ކަން، ޚިޔާނާތް ތަހުގީގު ކުރުމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް އުފައްދަވާފައިވާ އެސެޓް ރެކެވަރީގެ ރިޔާސީ ކޮމިޝަންގެ ރައީސް އަޙްމަދު އައްސަދު ވަނީ "ވަގުތު" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

އެކަމަކު ސަލީމްގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ ތަފްސީލެއް ނުދެއްވައެވެ. ސަލީމް ހާޒިރުކޮށް ސުވާލު ކުރި ނަމަވެސް ތަހުގީގު ކުރިއަށްދާތީ މި ކަމުގައި އޭނާ ބައިވެރިވި ކަމާ މެދު ވެސް ކޮމިޝަނުން ވަކި ގޮތެއް ނުނިންމާ ކަމަށް އައްސަދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ކުރިއަށް ދަނީ ރިޔާސީ ކޮމިޝަންގެ އިތުރުން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއިޓާ ޖެނެރަލް (ޕީޖީ) އޮފީހާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނަކުންނެވެ. ސަލީމް ހާޒިރުކޮށްފައިވަނީ ޖޮއިންޓް އިންވެސްޓިގޭޓް ކޮމިޝަނަށެވެ.

މިކަމާ ގުޅިގެން ސަލީމް އަދި މިހާތަނަށް އާންމުންނާ ހަމައަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެންބަރުން ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. އޭގެ ތެރެއިން ޕީޕީއެމްގެ އޭރުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާންގެ މައްޗަށް ދައުވާ ވެސް އުފުލާފައިވެއެވެ.

ތަހުގީގީ އިދާރާތަކުން މިހާތަނަށް މައުލޫމާތު ދެއްވި ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 300 އަށް ވުރެ ގިނަ މީހުންގެ ލިސްޓެއް އެބަ އޮތެވެ. އެކަމަކު އެ ލިސްޓުގައި ހިމެނޭ ނަންތައް ތަހުގީގީ އިދާރާތަކުން ހާމަ ކުރަމުން ދަނީ ދައުވާ ކުރުމުގެ މަރުހަލާއާ ހަމައިންނެވެ. އެއީ އޭގެ ތެރޭގައި އެ ޚިޔާނާތުގައި ބައިވެރިނުވާ ބައެއް ފަރާތްތައް ހިމެނުމަކީ ވެދާނެ ކަމެއް ކަމަށް ބެލެވޭތީއެވެ.

ތަހުގީގީ އިދާރާތަކުގެ ލިސްޓުގައި މަޖިލީހުގެ ކުރީގެ 44 މެމްބަރުންނާއި މިހާރުގެ 16 މެމްބަރުންނާއި ސަރުކާރުގައި މިހާރު ވެސް ހިމެނޭ ހަތް ބޭފުޅުންނާއި ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުންނާއި ފަސް ފަނޑިޔާރުންގެ އިތުރުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން ހިމެނިވަޑައިގަންނަވައެވެ.

ފަހުގެ ތާރީޚެއްގައި ރާއްޖެ ދުން އެންމެ ބޮޑު ޚިޔާނާތުގެ ފައިސާ ބޭނުން ކޮށްފައިވަނީ ޝަރުއީ ކޯޓުތަކުން ވަކި ގޮތަކަށް ހުކުމްތައް ނެރުމަށާއި ރައްޔިތުންގެ މަޖިލީހުން ވަކި ގޮތަކަށް ގާނޫނުތައް ފާސް ކުރުމަށް ކަމަށް އެ ޚިޔާނާތުގެ މޭސްތެރިޔާ ކަމަށް އެއްބަސްވެވަޑައިގެންފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވަނީ ވިދާޅުވެފައެވެ.

މި ޚިޔާނާތުގައި މިހާތަނަށް ދައުވާ އުފުލައިގެން ޝަރުއީ މަރުހަލައިގެ ތެރެއިން ހުކުމެއް އައިސްފައިވަނީ އަދީބުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އެކަންޏެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ފުރިހަމަކޮށް ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ޚިޔާނާތުގެ ތަހުގީގު ލަސްވަމުންދާތީ ގިނަ ބައެއްގެ ފާޑުކިއުންތައް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

މީގެ އިތުރުން، މި ޚިޔާނާތުގެ ފައިސާ މި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށާއި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ބައެއް ބޭފުޅުންނަށް ވެސް ލިބިފައިވާ ކަމުގެ ތުހުމަތު ކުރެވެއެވެ. އެކަމަކު އެ މައްސަލަތައް ލަސްކޮށް ހަމައެކަނި ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންނަށް ދައުވާ އުފުލާތީވެ ޚިޔާނާތުގެ ތަހުގީގުގެ ސައްހަކަމާ މެދު އިދިކޮޅު ކޯލިޝަނުން ސުވާލު އުފައްދައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކީކޭ ބުނާނީ

  ނޫޅެން. ވަގުވަގުން ވެރިޔާކައިރިން ނިންމާލާނެ. ދެން ކީއްކުރާކަށް ހާޒިރު ކުރަނީ. ހާޒިރުކުރުމެކޭ ނުކުރުމެކޭ ތަފާތެއް ކޮބާ؟

  5
  5
 2. ހުސޭނު

  އޮޅިގެންވެސް އެމް ޑީ ޕީ މީހަކު ނުގެންދާތި

  30
  1
 3. އަބްދޫ

  އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ޒިންމާ ގާނޫނީގޮތުން އުފުލަންޖެހޭނީ އަދީބުއާއި ޒިޔްތު އަދި އެސްއޯއެފް ކުންފުނިން ފައިސާއެއލިބުނު އެއްވެސް މީހަކު އެ ހިޔަނާތުގެ ބައިވެރިޔަކަށް ނުވާނެ، އެއީ އެސްއޯއެފް ކުންފުނީގެއެކައުންޓެއްގަ ބޭންކްގަ އެމްއެމްޕީއާރުސީގެ ފައިސާ ނުހުންނާނެތީ
  .ސަރުއީ ކޯޓަކުން ކަނޑައެޅުމުގެ ކުރިޔަކުން އެހެން މީހެްގެ އެކައުންޓުގަ އެހެންމީހެއްގެ ފައިސާ ނުހުންނާނެއެހެން ކުންފުންޏެއްގެއެކައުންޓްގަ އެހެން ކުންފުންޏެއްގެ ފައިސާ ނުހުންނާނެ. އެއީ ކުންފަުންޏަކީ ގާނުނީގޮތު ދަރަންޏަށް ޒިންމާވާންޖެހޭ ސަހްސަކަށް ވާތީ.

  22
  1
 4. ބޮޑު ޖޯކެއް

  އެމްއެމްޕީއާރުސީ ޚިޔާނާތް ތަހުގީގު ކުރަނީވެސް ހަމައެޚިޔާނާތުން ފައިދާ ލިބުނު ކޮރަޕްޓް ވަގުން.

  23
  2
 5. ނޫރު

  އައްސައްދުގެ ޚިޔާނާތު ކޮބާތޯ... ސާފުތޯ.