އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ތަހުގީގު ކުރަމުންދާ ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރީ މައްސަލައެއް އޮވެގެން ނޫން ކަމަށާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ސަލީމްގެ ވިޔަފާރި، ރެޑްވޭވަށް ޑޮލަރު ގަތް މުއާމަލާތް ސާފު ކުރުމަށް ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

މެންބަރު ސަލީމް ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރި ކަން އެ ކޮމިޝަނުން ކަށަވަރުކޮށްދިން ނަމަވެސް ސަލީމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތަފްސީލެއް ނުދެއެވެ. ކޮމިޝަންގެ ރައީސް އައްސަދު ވިދާޅުވެފައިވަނީ ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް ވާތީވެ މި ކަމުގައި އޭނާ ބައިވެރިވި ކަމާ މެދު ވެސް ކޮމިޝަނުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރުމާ ގުޅޭ ގޮތުން ސަލީމް "ވަގުތު" އަށް ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި އޭނާ ހާޒިރުކޮށްފައި ވަނީ އަދީބުގެ އަތުން އޭނާ ޑޮލަރު ގަތް މުއާމަލާތެއް ސާފު ކުރުމަށް ކަމަށެވެ.

މި ގޮތުން ސަލީމް ފާހަގަކުރެއްވި ގޮތުގައި ދިވެހި ރުފިޔާ ޑޮލަރަށް މާރު ކުރުމަށް ޓަކައި އެއް މިލިއަން ޑޮލަރު ގަނެ އެއަށް ހަމަވާ ދިވެހި ފައިސާ އަނބުރާ ދީފައިވެއެވެ. އަދި މި މުއާމަލާތްތަކުގެ ތަފްސީލްތައް މީގެ ކުރިން ވެސް ތަހުގީގަށް ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސަލީމް ދެކެވަޑައިގަންނަވާ ގޮތުގައި އޭނާ ހާޒިރު ކުރީ އެއްވެސް މައްސަލައެއް ފެންނަން އޮތް ކަމެއްގައެއް ނޫނެވެ.

"އަދީބް އަތުން ވަރަށް ގިނަ ބަޔަކު ޑޮލަރު ގަނެފަ އެބަ ހުރި، އެއިން ކޮންމެ ބަޔަކީ ޚިޔާނާތެއްގަ ބައިވެރިވި ބަޔަކަށް ނުވާނެ ދެއްތޯ، އޭގެ ބަދަލުގަ ދޭން ޖެހޭ ދިވެހި ފައިސާ އަޅުގަނޑު ވާނީ ދީފަ، މީގެ ތަފްސީލްތައް ކުރިން ވެސް އަޅުގަނޑު ދީފަ ވާނެ، މައްސަލައެއް އޮވެގެން ކޮށްގެން އުޅޭ ކަމެއް ނޫން،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވި ގޮތުގައި ކޮމިޝަންގެ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށް އޭނާއަށް ފަސް ދުވަހުގެ މުއްދަތެއް ދެވިފައިވާ ކަމަށެވެ. އޭނާ އެދިވަޑައިގެންފައިވަނީ ޤާނޫނީ ވަކީލުންނާ އެކު ކޮމިޝަންގެ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށް ކަމަށް ސަލީމް ވިދާޅުވިއެވެ.

މި ޚިޔާނާތުގެ ފައިސާ މި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށާއި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ބައެއް ބޭފުޅުންނަށް ވެސް ލިބިފައިވާ ކަމުގެ ތުހުމަތު ކުރެވެއެވެ. އެކަމަކު އެ މައްސަލަތައް ލަސްކޮށް ހަމައެކަނި ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންނަށް ދައުވާ އުފުލާތީވެ ޚިޔާނާތުގެ ތަހުގީގުގެ ސައްހަކަމާ މެދު އިދިކޮޅު ކޯލިޝަނުން ސުވާލު އުފައްދައެވެ.

ފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމުގެ ނަމުގައި ކުރަމުން ދަނީ ވާދަވެރި ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ކަމަށް ސަލީމް ވެސް ސިފަ ކުރައްވައެވެ.

މި ސަރުކާރުގައި މި މައްސަލަ ތަހުގީގު ކުރަމުންދަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީސް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނަކުންނެވެ.

މި ޚިޔާނާތުގައި މިހާތަނަށް ދައުވާ އުފުލައިގެން ޝަރުއީ މަރުހަލައިގެ ތެރެއިން ހުކުމެއް އައިސްފައިވަނީ އަދީބުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އެކަންޏެވެ. މި ތިން ބޭފުޅުން ވެސް މި ވަގުތު ތިއްބެވީ ގޭބަންދުގައެވެ.

އިތުރު ދައުވާތަކެއް މިހާތަނަށް އުފުލާފައި ވަނީ ވެސް ރައީސް ޔާމީނާއި މި ސަރުކާރުގެ އިދިކޮޅު ޚިޔާލުތަކުގެ ބޭފުޅުންގެ މައްޗަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ފުރިހަމަކޮށް ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ޚިޔާނާތުގެ ތަހުގީގު ލަސްވަމުންދާތީ ގިނަ ބައެއްގެ ފާޑުކިއުންތައް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަބްދޫ

  އެސްއޯއެފް އަކު އެމްއެމްޕިއަރު ސީގެ ފައިސާއެއް ނުހުންނާނެ. އެސްއޯއެފްގަ ހުންނާނީ އެސްއޯއެފްގެ ފައިސާ.ކުންފުންނަކީ ގާނޫނީސަހްސެއް. ދަރަންޏަށާ ކުންފުނީގެ މުއާމަލާތްތަކަށް ޒިންމާވާންޖެހޭ ސަހުސެއް. އެކުންފުނިން މިހަކަށް ދިން އެހިއެއް މަާރުކުރިޑޮލަރެއް އެއްއެމްޕިއާރުސީގެ ހިޔާނާތަކަށް ނުވާނެ. ގާނޫނުގައިވާގޮތުން އެމްއެމްޕިއާރުސީގެ ހިޔާނާތުގެ ޒިންމާ އުފުލަންޖެހޭނީ އަދީބުއާއި ޒިޔަތު. އެދެމީހުންފައިސާއަށް ހިޔާނާތްވިކަމަށް ވަނީ އިއުތިރާފްވެފަ. ވީމާ މައްސަލަ އެހިސާބުން އޮތީ ނިންމާފަ .ފައިސާއަށް ހެދިގޮތް ބުނެދީ ގެއްލުނު ފައިސާ ދަވްލަތަށް ދެއްކުމުގެ ޒިންމާ ނަގަންޖެހޭނީ ވެސް އެދެމީހުން.

  12
 2. އަބްދޫ

  މިހާރު ތިޔަ ހިންގާ ތަހުގީގު ތަކަށް ބަލައިރު އަދީބު ދިންކަމަށް ބުނާގަޑިއެއް މީހަކު އަލައިފިނަމްަ ޒިންމާ ނަގަންޖެހޭނީ އެގަޑި އުފެއްދި ކުންފުންޏާއި ގަަޑިވިއްކި ކުންފުނި ސަބަބކީ އެގަޑި އަދީބު ގަތީ އެމްއެމްޕީއާރުސީގެ ހިޔާނާތް ވި ފައިސާއިން ކަމުގަ ވާތީ ގަޑިއުފެއްދިކުންފުނީގެ މައްސަލަޔަކީ އަދީބު ގަންނަ ހިތްވާގޮތަށް ގަޑިއެއް އުފެއްދިމަ.

 3. ާައަހުމަދު

  ރޮކެޓް ސްޕީޑްގަ މަސައްކަތް ކުރާ ކޮމިޝަނެއްދޯ، 2އަހަރުނެގި ޑޮލަރ ގަތިންތޯ އަހާލަންވެސް.

  • ލައްކަ

   5 އަހަރު ރެޔެއް ދުވާލެއް ނުބަލައި ވައްކަން ކުރީމަ ލައްކަ އެއްޗެހި ބަލަން ހުންނާނެ. ޔާމީނު، ސަދަގާތު ފައުންޑޭސަން، އަދީބު، ޒިޔަތު، ސައިނީ، ގޭސް މާނު މިހެން ގޮސް މޮނީޓަރު ފޮތެއް ހުސްވަންދެން ލިޔެވިދާނެ

 4. ހުސެއިން ފަހުމީ

  އަހުމަދު އަދީބަކީ ޑޮލަރު ވިއްކާ ފިހާރައެއްތޯ. އެނގިތިބެ ވައްކަންކުރީ

 5. ވގ

  މިމީހުންގެ މައްސަލައެއް ނޯންނާނެ އެވަރައް ތެދެއް އިހްލާސް ތެރި ފަނޑިޔާރަކު މީނަގެ މައްސަލަ ބެލީމަ އެގޭނީ

 6. އެމަންޖެ

  އެވެސް ތެދެއް ، ނަޝީދައް ހުރިހާ ހަގީގަތެއް އެނގޭނެ.