މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގާފައި ނުވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއަދު މެންދުރުފަހު މީސްމީޑިއާގައި ވަނީ އެމްޕީއެލްގެ ބަނދަރުގައި އޮތް ބާޖަކުން މީހަކު ސްޓްރެޗަރަކަށް އަރުވައިގެން ގެނެސް އެމްބިއުލާންސްއަށް އަރުވާ ވީޑިއޯއެއް ދައުރުވެފައެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު މީސް މީޑިއާގައި ސުވާލުތަކެއް އުފައްދަމުން ދިޔަ ދަނޑިވަޅެއްގައި އެކުންފުނީގެ ސްޕޯކްސްޕާސަން ދާނިޝް ނިޒާމް ވިދާޅުވީ، ވީޑިއޯއިން ފެންނަ މަންޒަރަކީ އެ ކުންފުނީގެ މުވައްޒަފަކު މަސައްކަތުގައި އުޅެނިކޮށް އުނަގަނޑަށް ތަދެއް އަރައިގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރާ މަންޒަރުކަމަށެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަމުން ދާނިޝް ވިދާޅުވީ، މުވައްޒަފު އުނަގަނޑަށް ތަދެއް އަރައިގެން ގެންދިޔައީ މިއަދު މެންދުރު ފަހު 15:30 ގައި ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު ބޭސްދީ މިހާރު ދޫކޮށްފައިވާކަމަށެވެ. އެއީ މަސަލް ސްޓްރެއިންއެއްކަމަށް ހޮސްޕިޓަލާއި ހަވާލާދެއްވާ ދާނިޝް ވިދާޅުވިއެވެ.

އާންމުންގެ އެކި ސުވާލުތައް މީސްމީޑިއާގައި އާންމުވި ވީޑިއޯއާއި އެކު ދައުރުވިއިރު، އެމްޕީއެލްގެ ރަސްމީ ޓުވިޓަރ އެކައުންޓުންވެސް ވަނީ ނުރައްކާތެރި ހާދިސާއެއް މިއަދު މާލެ ވިޔަފާރި ބަނދަރުގައި ނުހިނގާކަން ކަށަވަރުކޮށްދީ ޓުވީޓެއްކޮށްފައެވެ.

"ވަގުތަށް" މައުލޫމާތު ދެމުން ދާނިޝް އިތުރަށް ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފުންނާއި ޕޯޓު ތެރޭގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެ ކުންފުނިން ކުރާނެކަމަށާއި ކުންފުނީގެ ފަރާތުން ހުރިހާ މައުލޫމާތެއްވެސް ހާމަކަން ބޮޑު ގޮތެއްގައި ހިއްސާކުރަމުން ގެންދާނެކަމަށެވެ.