ގއ.ކޮނޑޭ ކައުންސިލްގެ ރައީސްގެ ވޯޓް އަލުން ގުނަން ރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފިއެވެ.

ހައިކޯޓުގެ ހުކުމުގައި ވަނީ، އިންތިޚާބު ބާޠިލު ކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައި ނުވާ ކަމަށެވެ. ނަމަވެސް އެ ރަށު ކައުންސިލްގެ ވޯޓު ފޮށި އަލުން ގުނަން ޖެހޭ ކަމަށް ވެސް ހައި ކޯޓުން ފާހަގަކޮށްފައިވެއެވެ.

ސައްހަ ވޯޓު ބާތިލް ވޯޓުގެ ގޮތުގައި ކަނޑައަޅާ، އަދި ބާތިލް ވޯޓު ސައްހަ ވޯޓުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ތުހުމަތުކޮށް މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ގއ.ކޮނޑޭ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ އަމިއްލަ ކެންޑީޑޭޓް ޝުއައިބު މުޙައްމަދުދީދީގެ ފަރާތުންނެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ޝުއައިބު ދެ ކަމެއް ފާހަގަކޮށްފައިވެއެވެ. ފުރަތަމަ ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ވޯޓު ފޮށީގެ ވެރިއަކަށް ހުންނެވި ފަރާތުން އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނާއި ހިލާފުވި ކަމަށް ބުނާ މައްސަލައެވެ. ދެވަނަ ކަމެއްގެ ގޮތުގައި ޝުއައިބު ފާހަގަކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކުގެ ގަވާއިދާއި ހިލާފަށް ވޯޓު ގުނާފައިވާ ކަމަށް ބުނާ މައްސަލައެވެ.

މި ވޯޓް ފޮށި ގުނަން ހައިކޯޓުން އަމުރު ކޮށްފައި ވަނީ ތަހުގީގުކުރަން ޖެހޭވަރުގެ ހެކި މައްސަލަލާއި އެކު ހުށަހަޅާފައިވާތީއެވެ. އަދި ހުށަހަޅާފައިވާ ޝަކުވާއާއި ގުޅިގެން މި މައްސަލަ ތަހުުގީގުކުރަން ޖެހޭ ކަމަށް އިލެކްޝަން ކޮމިޝަނަށް ފާހަގަކުރެވާ ކަމަށް މައްސަަލާގެ ޖަވާބު ފޯމުގައި ބަޔާންކޮށްފައި އޮތުމުންނެވެ.

އަލުން ގުނަން އަމުރުކޮށްފައި ވަނީ 3 ވޯޓު ފޮށްޓެކެވެ. އެއީ ނަންބަރު ޕީޓީ.6 ވޯޓު ފޮއްޓާއި، ނަންބަރު ޕީ7.1 ވޯޓު ފޮއްޓާއި، ވައިޓީ.10 ވަނަ ނަންބަރު ވޯޓޫ ފޮއްޓެވެ.

އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު އަބްދުލް ހަކީމްއަށް އިންތިޚާބުގައި ކުރި ލިބެނީ މައްސަލަ ހުށަހެޅުއްވި ކެންޑިޑޭޓް، ޝުއައުބުއަށް ވުރެ ދެ ވޯޓު ކުރި ލިބިގެނެވެ. އަހްމަދު އަބްދުލްހަކީމްއަށް 130 ވޯޓް ލިބިފައިވާއިރު، ޝުއައިބުއަށް 128 ވޯޓް ލިބިފައިވެއެވެ.

މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިންތިޚާބުވި ކައުންސިލަރުން މަގާމު ހުވާ ކުރުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމާފައި ވަނީ މާދަމާއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިދޭ ބާރާއެކު އާ ކައުންސިލްތަކުގެ މެންބަރުން މާދަމާ ހުވާ ކުރާއިރު، ކައުންސިލްތައް އިންތިޚާބު ކުރެވިފައި މި ވަނީ އިންތިޚާބު ކުރަން އޮތް ތާރީޚަށް ވުރެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އެއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެގެން މުޅި ރާއްޖެ ފުރަބަންދު ކުރުމުން އިންތިޚާބު ފަސްކުރަން ޖެހިގެނެވެ.