އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޮޑިޓަ ޖެނެރަލަކަށް ހުންނެވި ހަސަން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މި މަގާމަށް ކުރިމަތިލާން އެދޭ މީހުންގެ ފޯމު ބަލައިގަތުމަށް ހަމަޖައްސާފައިވަނީ އަންނަ ޖޫން މަހުގެ ހައެއް އަދި ހަތެއްގައި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ. އެ ދެދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސް އޮފީހުން ފޯމު ބަލައިގަންނާނެ ކަމަށްވެއެވެ.

ފޯމު ޑައުން ލޯޑު ކުރެވޭނީ ރައީސް އޮފީހުގެ ވެބްސައިޓުންނެވެ.

އޮޑިޓަ ޖެނެރަލްގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވާފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނިފައިވާތީއެވެ. އޭނާ އިސްތިއުފާ ދެއްވުމަށް ފަހު ވިދާޅުވީ ތުހުމަތެއް ކުރެވުމުން އެ މަގާމުގައި ދެމި ހުރުމަކީ އޮޑިޓާ ޖެނެރަލްގެ އޮފީހާއި ކަރާމާތަށް އުނިކަން އަންނާނެކަމެއް ކަމަށް ދެކޭ ކަމަށެވެ.

ޒިޔަތު އަށް ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވުނަސް، އެ ތުހުމަތުތައް އޭނާ ދޮގުކުރައްވައެވެ. އޭނާ ވިދާޅުވީ 2014 ގައިި ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް ޕީޕީއެމްގެ ފަރާތުން ފައިސާ ލިބުނު ކަމަށެވެ.

އެކަމަކު އެއީ ހިޔާނާތުގެ ފައިސާ ކަން އެނގިފައި ނުވާކަމަށް ޒިޔަތު ކުރިން ވިދާޅުވިއެވެ.