ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމުގައި އެކިގޮތްގޮތުން ބައިވެރިވި އިތުރު ބަޔަކު ވެސް ހައްޔަރުކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިހް ވިދާޅުވީ ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ހަތަރު މީހުންގެ އިތުރުން އިތުރު ބަޔަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.

"މިހާރު މިކަމުގައި އަމަލީ ގޮތުން ބައިވެރިވި ހަތަރު ފަރާތެއް މިވަނީ ބަންދުކުރެވިފައި. އަދި އޭގެއިތުރުން މިކަމުގައި އެކިވަރުވަރަށް ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭވެސް އިތުރު ފަރާތްތަކެއް ވަނީ ބަންދުކުރެވިފައި. " ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުލުހުން މިހާރު ބަލަމުން ގެންދަނީ މިކަމުގެ ފަހަތުގައި ތިބި ބައެއް ކަމަށާއި އެކަމާއި ގުޅިގެން ވެސް ދާންވީ ދިމާ ދެނެގަތުމަށް މިހާރު ވަނީ ގިނަ މައުލޫމާތުތަކެއް ލިބިފައި ކަމަށެވެ. "އަދި މިކަމުގައި ފައިސާ އެކުލެވިފައި ވޭތޯ ބެލުމަށް އެމެރިކާގެ ތަޖުރިބާކާރާއިއެކު ވަރަށް އަވަހަށް ކުރިއަށްދާނެ." ރައީސް ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާގެ ތަހްގީގު ކުރިއަށްދާ ގޮތް ބެލުމަށް ރައީސް ޞާލިހްގެ ފަރާތުން މަންދޫބެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ މިސްޓަރ އައްބާސް ފާއިޒް އައްޔަން ކުރައްވާފައިވާ ކަމަށް މިމަހުގެ 19 ވަނަ ދުވަހު ސަރުކާރުން އިއުލާން ކުރި ނަމަވެސް ރައީސް ޞާލިހް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ތަހްގީގު ކުރިއަށްދާ ގޮތް ބެލުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން މަންދޫބަކު އައްޔަން ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށްދާނެ ކަމަށެވެ.

ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން އިތުރު ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ރައީސް ޞާލިހް ވިދާޅުވި ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށެއް ނުދެއެވެ. ނަމަވެސް ހަރުކަށި ފިކުރުގެ ބައެއް މީހުން މާލެ އިންނާއި ރާއްޖޭގެ އެކި ސަރަހައްދުތަކުން ހައްޔަރު ކޮށްފައި ވެއެވެ.

ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންނާއި، އަދި ތަހްގީގް ޓީމްގެ ބައެއް ފުލުހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަމާއި ގުޅިގެން ތަހްގީގަށް ލަސްކަމެއް ނާންނާނެ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަޅުމަންޖެ

    ކޮވިޱުގެ މި ހާލަތުގަވެސް ނަޝީދު ނަޝީދު ރައްޔަތުން ގެ ނިކަމެތި ހާލަތާ މެދު ކަން ބޮޱުވެގެން ނޫޅެ.ނަސީދު އެކަނިތަ ބަލަންޖެހެނީ . އަރުމެނަކަށް ތި ނަސީދަކީ މުހިންމު މީހެއްނޫން. މިފަދަ ބަލިމަޱު ކަމަކާ ބެހޭގޮތުން ރައްޔަތުންގެ ކުރި މަށްޗައް އަރާފަވެސް ނަސީދުގެ ވާހަކަ. ވޯޓާ ޖެހުނީމަ މޮޔަވެގެން ތެޅޭ ގެރިތަކެއްހެން ތރޅޭނެ ރައްޔަޔުންދެކެ ލޯބިން

    12
    1