މއ. މޯނިންވިއުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ދިރާސާ ކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް ނޭޝަނަލަ ޑިޒާސްޓަ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، މޯނިންވިއު ގައި ހިނގި އަލިފާނުގެ ހާދިސާގައި ބޭނުންނުކުރެވޭ ވަރަށް އިމާރާތްވެް ވަނީ އަނދާފައެވެ. އެ ތަނުގައި ދިރިއުޅެމުން ދިޔަ އާއިލާތަކަށް ސަރުކާރުން ވަނީ ގެސްޓު ހައުސްތައް ހަމަޖައްސާފައެވެ. އެ އިމާރާތުގައި 60 އެއްހާ މީހުން ދިރިއުޅެއެވެ.

އެންޑީއެމްއޭގެ ޗީފް އެކްޒެކްޓިވް ހިސާން ހަސަން "ވަގުތު" އަށް ވިދާޅުވީ، އެ އިމާރާތައް ލިބުނު ގެއްލުން ގެއްލުންތަކުގެ "އެސެސްމެންޓް" މާދަމާ ފެށިގެންދާނެ ކަމަށެވެ. އެކަން ކުރިޔަށް ގެންދާނީ ޕްލޭނިން މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެންނެވެ. ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން އެނގޭނީ އެސެސްމެންޓަށް ފަހު ކަމަށް ހިސާން ވިދާޅުވިއެވެ. އެ އިމާރާތް ސާފުކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

އެ ތަނުގައި ދިރިއުޅޭ މީހުން ބުނެފައިވާ ގޮތުން އަންދާޒާ ކުރެވޭ ވަރަށްވުރެ ވެސް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ. ހިފައި ގެންގުޅޭ ތަކެތި ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. އަލިފާން ނިއްވާލުމުގައި އެމްއެންޑީއެފުން ލަސްތަކެއްވިކަމުގެ ޝަކުވާ އާއިލާތަކުން ވަނީ ކޮށްފައެވެ. އެކަން ހިނގައިދިޔަ ގޮތް ތަހުގީގު ހިންގާނެ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

އަލިފާން ރޯވާން ދިމާވީ ސަބަބު އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ. މި ހާދިސާގައި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ.