"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި!" މި ސުރުޚީގެ ދަށުން "މިހާރު އޮންލައިން" ގައި މިމަހުގެ 28 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ރިޕޯޓްގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ގާނޫނާއި ގަވާއިދާއި އަދި ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާއި ހިލާފަށް ހަބަރާއި މައުލޫމާތު ހިމަނާފައިވޭތޯ ބަލަން އެކައުންސިލުން ފަށައިފިއެވެ.

އެމްއެމްސީން އިން ނެރެފައިވާ ބަޔާނެއްގައި ބުނީ، އެ ލިޔުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުންނާއި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އެފަރާތްތަކުގެ ރައުޔު ހާމަކުރުމަށް ނޫސްބަޔާން ނެރެފައިވާކަން އެކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށްވީ ހިނދު، ނޫސްވެރިޔާ ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެކަމަށް ބުނެވިދިޔަ މާއްދާގައި ސަރީޙަކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، "ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި!" ނަމުގައި ޝާއިޢުކޮށްފައިވާ ލިޔުމުގެ މަސްދަރު އެއްވެސް ތަހުގީގެއްގެ ތެރެއިން ހޯދުމަށް އެއްވެސް މިންވަރަކަށް މަސައްކަތްކުރުމަކީ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ބަޔާނުގައި ބުނެފައިވަނީ މި މައްސަލައިގައި އެ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރު މުޙައްމަދު އަސްލަމްއަށް ފޯނުން ގުޅައި މަޝްވަރާކޮށްފައިވާ ކަމަށާއި ކޮމިޓީން މި މައްސަލަ ތަޙުޤީޤު ކުރުމުގެ ތެރެއިން ނޫސްވެރިޔާގެ ކިބައިން ނުވަތަ ނޫހުގެ ކިބައިން މަސްދަރު ހޯދުމަށް މަސައްކަތް ނުކުރައްވާނެކަމުގެ ޔަޤީންކަން މުޤައްރިރު އެ ކައުންސިލަށް ދެއްވާފައިވާ ކަމަށެވެ.

"މި ކައުންސިލުގެ އިލްތިމާސަކީ، އެހެން ފަރާތްތަކުންވެސް މި މޭރުމުން މަސައްކަތްކޮށްދެއްވައި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށް އުނިކަމެއް ލިބިދާނެފަދަ އެއްވެސްކަމެއް ނުކުރުމެވެ" ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެއާއެކު ކައުންސިލުން ބުނީ މި ދަނޑިވަޅުގައި ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި ގުޅުންހުރި މިފަދަ ހައްސާސީ މައްސަލައެއްގެ ހަބަރާއި މައުލޫމާތު މީޑިއާގައި ރިޕޯޓުކުރާއިރު، ނޫސްވެރިންނާއި މީޑިއާތަކުން ވެސް އިތުރަށް ސަމާލުވެ، މީޑިއާ ކައުންސިލުގެ ގާނޫނާއި، ގަވާއިދާއި އަދި ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑަށް ފުރިހަމައަށް ތަބާވުމަށް ގޮވާލައިފައެވެ.

"ވިކްޓިމް ނުވަތަ އަނިޔާ ލިބޭ ފަރާތް އިތުރަށް ވިކްޓިމައިޒްވާގޮތަށް ހަބަރާއި މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއާއި ފުށުއަރާކަމެކެވެ. ހަމައެހެންމެ ހަބަރާއި މައުލޫމާތު ގެނެސްދޭއިރު އެ ހަބަރެއް ނުވަތަ މައުލޫމާތެއް ރައްދުވާ ފަރާތުގެ ބަހެއް ހިމެނުމަކީވެސް، ކޮންމެހެން މުހިންމުކަމެއްކަމުގައި މި ކައުންސިލުން ތަކުރާރުކޮށް މީޑިއާތަކަށް ހަނދާންކޮށްދެމެވެ،" ބަޔާނުގައިވެ އެވެ.

"މިހާރު" ގައި ޝާއިއުކޮށްފައިވާ ލިޔުމުގައި އެ ކައުންސިލުގެ ގާނޫނާއި، ގަވާއިދާއި އަދި ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހލާފަށް ހަބަރާއި މައުލާމާތު ހިމަނާފައިވޭތޯ ބަލައި އެ މައްސަލަ ބެލުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް ބުދަ ދުވަހު އޮންނަ ޖަލްސާ އަށް އެޖެންޑާކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

"އަދި، ނޫސްތަކުގައި ޝާއިއުކުރާ ހަބަރާއި މައުލޫމާތާމެދު އިއުތިރާޒުކުރާ ފަރާތެއްވާނަމަ، މި ކައުންސިލުގެ ގާނޫނާއި ގަވާއިދާއި ޝަކުވާ ބެލުމުގައި އަމަލުކުރާގޮތުގެ އުސޫލުގައި ކަނޑައެޅިފައިވާ އިޖުރާއަތްތަކުގެ ތެރެއިން މައްސަލަ ހުށަހަޅައިގެން ކުރިއަށްގެންދިޔުމަށް މި ކައުންސިލުން ބާރުއަޅާކަމުގައި މި ފުރުސަތުގައި ދެންނެވީމެވެ،" ބަޔާނުގައިވެ އެވެ.