މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުރިއަށްގެންދާސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ގޯލްޑް ސްޕޮންސަރަކަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސެޓެލްކޯ) ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސެޓެލްކޯގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސެޓެލްކޯގެފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޝަރީފްއެވެ.އެމްއެމްސީގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަޙްމަދު މުޞްޠަފާއެވެ.

އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ ވިދާޅުވީ، ސެޓެލްކޯއަކީ މީހުން ބިނާކުރުމަށް އެމްއެމްސީން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ސްޕޮންސަރަކަށް ހަމަޖެއްސި ދެވަނަ ކުންފުނި ކަމަށެވެ.

އޭގެ އިތުރުން މީޑިއާގެ ކުރިއެރުމަށް ސެޓެލްކޯއިން ވެދެމުން އަންނަ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

އެމްއެމްސީން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމަކީ އަލަށް އިންތިހާބުވި ކައުންސިލުން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ސްކޫލް ދަރިވަރުން ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފައްދާ، އެ ދާއިރާއަށް ދަރިވަރުން ނެރުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި އަހަރުގެ ޖެނުއަރީ މަހު ފެށި އެ ޕްރޮގްރާމް މިހާތަނަށް ތިންސްކޫލެއްގައި ހިންގައި، 70 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނުކޮށްފައެވެ. އަދި އަންނަ ޖޫން މަހުގެ ތެރޭގައި ހއ. އަދި ހދ. އަތޮޅުގެ ސްކޫލްތަކަށް މި ޕްރޮގްރާމް ހިންގުމަށް ދަނީ ތައްޔާރުވަމުންނެވެ.

މި ޕްރޮގްރާމްގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން އުޅެ، ތަޖުރިބާ ލިބިފައިވާ އަދި އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްގެން ތިއްބެވި ސީނިއާ ބޭފުޅުންނެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މިވަގު ސްޓެލްކޯގެ އެމްޑީގެ މަގާމާ ހަވާލުވެ ކުންފުނި ދަވާލައިފި ، ސޯލިބޭއަށް ވޯޓު ދިނުން ދަތުރު ކުރުވާ ހުވާކުރުވާފައި 500 މުވައްޒަފުން ވައްދައިފި މިއީ ސްޓެލްކޯ ލޫޓުވަނީ އައި މީހެއް