މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް ދެމުން އަންނަ އެވޯޑްގައި މިއަހަރު ވަކި ބަޔަކު ބޭނުންވާ ގޮތައް ދުރާލާ ރާވައިގެން ވަކި ނަތީޖާއެއް ނެރެން މަސައްކަތް ކުރަމުން ދާތީ ނޫސްވެރިންގެ އެވޯޑްގައި ބައިވެރި ނުވާނެ ކަމަށް ރާއްޖޭގެ އެންމެ ގިނަ ބަޔަކު ކިޔާ ނޫސް ކަމަށްވާ "ވަގުތު" އިން ނިންމައިފިއެވެ.

"ވަގުތު" އިން ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިކަމުގެ އިނާމުގެ ދިގު ތާރީޚްގައި އަމަލު ކުރަމުން އައި އުސޫލާއި ހިލާފަށް އެކަމާއި ގުޅޭ ކޮމެޓީގެ ބާރުތައް ނަގައި ވަކި ބައެއްގެ ބާރު އޮތް، އިނާމުގެ އުސޫލާއި ގުޅުން ނެތް ކޮމެޓީއަކަށް މައްސަލަ ފޮނުވައި އުސޫލު ފާސްކުރީ ބޭނުންވާ ވަކި ނަތީޖާއެއް ނެރުމަށް ކަމަށާއި އެހެންވެ މިއަހަރުގެ އެވޯޑްގައި ބައިވެރި ނުވާނެ ކަމަށެވެ.

"ނޫސްވެރިކަމުގެ އިނާމުގެ މަސައްކަތް ކުރުމަށް ކައުންސިލުން ފާސްކުރި ކޮމިޓީން އެކަން ކުރަމުން ދަނިކޮށް ކައުންސިލްގެ ވަކި މެމްބަރުންތަކެއް ބޭނުންވާގޮތަށް ކަންތައްތައް ނުވާތީ ކޮމިޓީގެ މެމްބަރުން ބަދަލުކޮށް އެ ބޭފުޅުން ބޭނުންވި ވަކި ބަޔަކު ކޮމިޓީއަށް އައްޔަންކޮށްގެން މި އެވޯޑަށް މީޑިއާތަކުގެ އިތުބާރު ގެއްލޭގޮތަށް ކުރަމުން އަންނަ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

އެންމެ ފުރަތަމަ އެކުލަވައިލި ނޫސްވެރިކަމުގެ އިނާމު ކޮމިޓީން ވަނީ މީޑިއާތަކާ ބައްދަލުކޮށް ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލާ ގުޅޭގޮތުން މީޑިއާތަކުގެ ޚިޔާލު ވެސް ހޯދާފައި ކަމަށާއި މީޑިއާ ކައުންސިލުގެ އެދުމުގެ މަތިން "ވަގުތު"ގެ ފަރާތުން ވެސް ވާނީ އެ ކައުންސިލްގެ އިނާމު ކޮމިޓީއާ ބައްދަލުކޮށް އިސްލާހު ގެންނަންޖެހޭ ކަމަށް ފެންނަ ކަންތައްތައް އެ ކޮމިޓީއަށް ހުށަހަޅައިފައި ކަން ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އަދި ނިމިދިޔަ އަހަރު އެވޯޑްގެ ފަނޑިޔާރުން ވެސް ވަނީ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލަށް އިސްލާހު ގެނައުމަށްޓަކައި ގިނަ ރެކަމަންޑޭޝަންތަކެއް ލިޔުމުން މީޑިއާ ކައުންސިލަށް ހުށަހަޅައިފައިކަން ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

ނަމަވެސް އިނާމު ކޮމިޓީގެ މަސައްކަތް ކުރިއަށްދަނިކޮށް އެ ކޮމިޓީގެ މެމްބަރުން ކޮމިޓީން ވަކިކޮށް، ވަކި ބަޔަކު ބޭންވިގޮތަށް އެކުލަވައިލި ކޮމިޓީން ވަނީ މީޑިއާތަކުންނާއި އަދި ފަނޑިޔާރުން ވެސް ޚިޔާލުދީފައިވާ ކަންތައްތަކަށް ބެލުމެއް ނެތި ވަކި ބަޔަކު ބޭނުންވާގޮތަށް މަސައްކަތް ކުރިއަށްގެންގޮސްފައި ކަމަށް ބަޔާނުގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުޑަކުދިން ބަތްކައްކާކުޅޭހެންނެވެ…

    21
    1
  2. ޅީނާ

    ޤައުމީ އިނާމު ކޮމިޓީއާ ތިކަން ހަވާލުކޮށްބަލަ. ލާހިކެއްނޫން ނުފޫޒު ވައްދާކަށް.

    11
    12
  3. ޙދުެޖިއ

    އަހަރުމެންގެ ނޫހަކީ ވަގުތު ނޫސް.
    ރައްޔިތުންގެ އެވޯޑް ލިބޭނީވެސް ވަގުތު ނޫހަށް.

    32
    14
  4. ނުފޫޒު

    މިސަރުކާރު ހުރިހާ ކަމަކަށް ސީދާކޮށާއި ނުސީދާކޮށް ނުފޫޒު ފޯރުވާ ސަރުކާރެއް

    31
    8