ބަންގަލަދޭޝްގައި ދިވެހި ސިފައިން ތަމްރީނުކުރުމަށް އިތުރު ފުރުސަތުތައް ހޯދުމާ ބެހޭ ގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، އެ ގައުމުގެ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް އަޒީޒް އަހްމަދާ މަޝްވަރާ ކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުން ފައްޓަވައި ދެއްވަމުން މާރިޔާ ވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން، އަޒީޒަށް މަރުހަބާ ވިދާޅުވެ، ކޮވިޑް-19ގެ މިދަތި އުނދަގޫ ހާލަތުގައިވެސް، ރާއްޖެއަށް ޒިޔާރަތް ކުރެއްވީތީ ޝުކުރު އަދާކުރައްވައިފައެވެ.

ޖެނެރަލް އަޒީޒް ވަނީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ފަރާތްޕުޅުންނާއި އެގައުމުގެ ރައްޔިތުންނާއި، އަމިއްލަ ނަންފުޅުގައި، ރައީސް ސޯލިހަށާއި، ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް، ހެޔޮއެދުމާއި ސަލާމް ރައްދުކޮށް ދެއްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ، ދެ ގައުމުގެ ޒަމާންވީ ދިފާއީ އަދި އަސްކަރީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުންނެވެ. އެގޮތުން، ޑިޒާސްޓާ ރިލީފް ނުވަތަ ކާރިސާތަކަށް އިޖާބަދިނުމަށް ހިންގޭ އޮޕަރޭޝަންތަކުގައި އާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އިތުރުން، ބަންގްލަދޭޝްގެ އާމްޑް ފޯސަސް މެޑިކަލް ކޮލެޖުގައި ދިވެހި ޑޮކްޓަރުން ކިޔެވުމަށް ޖާގަ އިތުރުކުރުމާ ގުޅޭ މަޝްވަރާތައް ކުރެވެނު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވިއެވެ.

މާރިޔާ ވަނީ، 2004 ގެ ސުނާމީން ފެށިގެން މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމާއި ހަމައަށް، ރާއްޖެއިން އެހީއަށް ބޭނުންވި ހާލަތްތަކުގައި، ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުން، ފޯރުކޮށްދެއްވާފައިވާ ދީލަތި އެހީތަކަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ.