ކޮވިޑް-19 ގެ ކަންތައް ބަލަހައްޓަން ހެލްތް އިމެޖެންސީ އޮޕަރޭޝަން ސެންޓަރެއް (އެޗްއީއޯސީ) ގާއިމްކޮށްފައި ހުރުމުގެ ބޭނުމެއް ނުހިފޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސައީދު މިއަދު ފާޑުވިދާޅުވެއްޖެއެވެ.

ސައީދު އެހެން ވިދާޅުވީ، ކޮވިޑް-19 ބަލީގައި ނިޔާވި ފާތުމަތު މިޝްކާ މުހައްމަދުގެ މަރުގެ މައްސަލައާ ގުޅިގެން ހެލްތް މިނިސްޓްރީން ހިންގި ތަހުގީގު ރިޕޯޓާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ފަރުވާދިނުން ލަސްވުމުގެ ސަބަބުން ނިޔާވި، އުމުރުން 10 އަހަރުގެ މިޝްކާގެ މަރުގެ ރިޕޯޓުން ފެންނަނީ ބޮޑެތި އިހުމާލުތަކެކެވެ. މިޝްކާގެ ހާލު ދެރަވެގެން އެތައް ފަހަރެއްގެ މަތިން އާއިލާއިން އެމްބިއުލާންސް އަށް ގުޅުމުންވެސް ކޯލް ސެންޓަރުން އެކަމަށް އަޅާނުލިކަން ތަހުގީގު ރިޕޯޓުން އެނގެއެވެ.

ސައީދުގެ ޓްވީޓްގައި ވިދާޅުވީ، އެޗްއީއޯސީގެ ދުވަހު މަސައްކަތް ނިންމާ އެކަށީގެންވާ ވަރަށް އޮޑިޓެއް ހަދައި ފިޔަވަޅު އަޅާނަމަ އެހާ ހިސާބަށް ކަންތައް ނުދިޔައީސް ކަމަށެވެ. ސަރުކާރުގެ ވަޒީރުން ހިމެނޭ ގޮތަށް ވަޒީރުންގެ މަޖިލީހުން ޓާސްކު ފޯހެއް އުފެއްދީ ހެލްތް މިނިސްޓްރީގެ އިހުމާލުތައް ބަލައި ފިޔަވަޅު އަޅަން ނޫންތޯ އޭނާ ވަނީ ސުވާލު ކުރައްވައިފައެވެ.

މިޝްކާގެ މަރުގެ ތަހުގީގީ ރިޕޯޓުގައި އިހުމާލުތަކެއް ހިމެނޭއިރު އެއިން އެއްވެސް ފަރާތަކާއި މެދު އަދި މިހާތަނަށް ފިޔަވަޅެއް އަަޅައިފައެއް ނުވެއެވެ. އެކަމަކު އެ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ.

މިޝްކާގެ މަރުގެ މައްސަލާއާ އެކު ރާއްޖޭގެ ސިއްހީ ނިޒާމުގެ ދޯދިޔާކަމުގެ ވާހަކަ އަނެއްކާވެސް މިވަނީ ދެކެން ފަށައިފައެވެ. ސަރުކާރުތަކުން ސިއްހީ ދާއިރާއަށް ބޮޑެތި އަދަދުން ފައިސާ ހަރަދުކުރާއިރުވެސް އެކަށީގެންވާ ނަތީޖާއެއް ނުފެނެއެވެ. މައްސަލަތައް ހައްލުކުރަން ކޮންމެ ސަރުކާރުންވެސް މަސައްކަތް ކުރާ އިރު ހިތްހަމަޖެހޭ ފަދަ ނަތީޖާއެއް އަދި ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އައްޑޫ މީހާ

  ވަރަށްބޮޑު ތެދެއް ހަމައިން ނެއްޓިފަ ތިބޭ ބަޔަކު އެތާނގަ ތިބެނީ

  17
 2. ހަނި

  ތިއީ ކޮރަޕް ސަން ސެންޓަރު މިހާރު ދަރުބާރުގެގާ ހިންގަނީ ކޮރޕްސަން ސެން ޓަރު

 3. ބީރުމީހާ

  ވެރިން ގިނަވީމާ ވަގޮތް ހުސް ގޮތްކިޔާ މީހުން ކަމެއް ކުރާނެ އަތެއް ނުތިބޭ ނިކަން ރަގަޅަށް ނޫސްވެރިން ވަދެ އެތަން ޗެކުކޮއްބަލަ އެއްވެސް އިންތިޒާމެއްނެތް ތަނުގައި އެތަނަށްދާ ޑރ ވެސް ގަޑި ފުރަން ދަނީ ޒިންމާދާރުނެތްތަނެއްގައި ފޫހިކަމާއެ މަސައްކަތް ނުކުރެވޭނެތާ

 4. ނާރު

  ތަނުގައި ގޮތްކިތަން އެތައް ބަޔަކު ރައީސް އޮފީސް އެތަނަށް ބަދަލުކުރަން ފެންނަނީ ރައީސްގެ ޓީމު މުޅިތަނުގައި ކަންކަން ރާވާ ހިންގުންތެރިންގެ ބަހެއް ނުވިކޭ 2 ވެރިޔަކު އެއްތަނެއް ހިންގަންވީމާ އެތަނެއް ދަސާދަވާނެ އަހަރުމެންނަށް ﷲވަނީ އަންގަވާފަ

 5. ކޮވިޑް

  މި ސަރުކާރުގައި ބޭނުން ހިފޭ މިނިސްޓްރީ އެއް ، ކުންފުންޏެއް، ކޮމިޝަނެއް އެބަ އޮތްބާ؟ ފުރަތަމަ ސަރުކާރުގައި ރައީސް އަކަށް ހުރިމީހާގެ ބޭނުމެއް ހުރެގެންތާ ވުޒާރާތަށް ބޭނުން ހިފޭނީ. ކިރިޔާވެސް ކަމެއް ކުރާތަން މިފެންނަނީ ފުލުހުންނާ ސިފައިން، އެވެސް ރައްޔަތުން އަތުން ފެލާ ސަރުކާރަށް ފައިސާ ހޯދަ ދިނުމުގައި.އެކަން ވާނީވެސް އެހެން މުސާރަ ދެވެން އޮތީ ރައްޔަތުން ޖޫރިމަނާ ކުރީމަ،