ހދ. ކުޅުދުއްފުށި ސިޓީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ،

މި މައްސަލާގައި މީގެ ކުރިން ދެ މީހަކު ހައްޔަރުކޮށްފައި ވެއެވެ. އެއިރު ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ދިވެހި ފިރިހެކަނާއި 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭގެ އިތުރުން، ރަހީނުކުރި ޒުވާނާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ 20:48 ހާއިރެވެ.

ފުލުހުން މިރޭ ވިދާޅުވީ، އެ މައްސަލާގައި މިއަދު 19 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރަހީނު ކުރުމުގެ ސަބަބުން އަނިޔާވި ޒުވާނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ފަހުން އެމީހާ ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.