މިދިޔަ ބޮޑު އީދުގައި ހދ.ކުޅުދުއްފުށީގައި "ހަވާ" އަރުވާނެ ކަމަށް ބުނުމަށްފަހު އެރަށުގައި ހަ ވަލެއް އެރުވުމުން ފާޑުކިޔުން އަމާޒުވެ ގިނަބައެއްގެ ނެރުހުން ސިޓީ ކައުންސިލަށް އަމާޒުވުމުން މިނިވަން ދުވަހު ހަމަ އަސްލަށް ވެސް ހަވާ އަރުވަން ނިންމައިފި އެވެ.

ކުޅުދުއްފުށީގައި ބޮޑު އީދުގައި "ހަވާ" އަރުވާނެ ކަމަށް ބުނުމުން ރަށުގެ ކުދިބޮޑު އެންމެ އެސަރަހައްދަށް ޖަމާވިއެވެ. ނަމަވެސް ފަހަރަކު ވަލެއް މައްޗަށް ނަގަމުން ހަ "ވައު" ނެގީ އެވެ. އެކަމާއި ނުރުހުންވެ ރަށުގެ ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި ވެސް ސިޓީ ކައުންސިލަށް ފާޑުކިޔާފައެވެ.

ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ މިނިވަން ދުވަސް ފާހަގަ ކުރަން "މި ފަހަރު ހަމަ އަސްލު ހަވާ އަރުވަނެ" ކަމަށެވެ.

އާތިފް ވިދާޅުވީ ޖުލައި 26 ގައި މިނިވަން ދުވަސް ފާހަގަ ކުރުމަށް ހޯމް މިނިސްޓްރީން ބަޖެޓެއް ދިނުމުން ކައުންސިލުން ޝޯއަކާ އެކު ހަވާ އަރުވަން ނިންމާފައިވާ ކަމަށެވެ.

އާތިފް މިއަދު ވެސް ވަނީ ބޮޑު އީދު ބަންދުގައި "ހަ ވާ" އެރުވި ގޮތުން އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދީ، އެކަން ދިފާއު ކުރައްވާފައެވެ. "އަޅުގަނޑުމެން އޭރު ވެސް ލިޔެފައި ނޯންނާނެ ހަވާ އަރުވާ ވާހަކައެއް. އިންނާނީ ހުސްތަންކޮޅެއް ލާފައި، ހަ ވާ އަރުވާ ވާހަކަ. މި ފަހަރު ޖުލައި 26 އަށް ހަވާ އަރުވަން ކައުންސިލުން ނިންމާފައި ވަނީ ޝޯއަކާ އެއްކޮށް،" އޭނާ ވިދާޅުވި އެވެ.

އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން ސަރުކާރުން ރަސްމީކޮށް މިއަހަރު މިނިވަން ދުވަސް ފާހަގަ ކުރަނީ ކުޅުދުއްފުށީގައެވެ. އޭގެއިތުރުން ހޯމް މިނިސްޓްރީން އަންނަނީ މާލޭގައި ވެސް ކުޅިވަރު ހަރަކާތްތައް ބާއްވަން ތައްޔާރުވަމުންނެވެ.