މުއްދަތު ހަމަވާ އައިޑީ ކާޑު މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާ މިދަޑިވަޅުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން ރަނގަޅު ކަމެއްކަމުގައި ނުފެންނާތީވެ، އެކަން ކޮންޓްރޯލް ކުރުމުގެގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ކާޑުގެ މުއްދަތު ހަމަވެ ކާޑު އާކުރަމަށް ގިނަ ދުވަސްތަކެއް ހޭދަވެ، އަދި ހިދުމަތް ހޯދުމުގައި ދަތިތަކެއް މެދުވެރިވެދާނެކަމަށް ފެންނަ ކަމަށެވެ.

އެހެންކަމުން ކާޑުގެ މުއްދަތު 31 އޯގަސްޓްގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެ ޑިޕާޓްމެންޓުން ވިދާޅުވެފައި ވެއެވެ.

އެ ޑިޕާޓްމެންޓުން ވަނީ ރައްޔިތުންނަށް ހިދުމަތް ދޭ އެންމެހާ މުވައްސަސާ ތަކުން ހިދުމަތް ފޯރުކޮށްދިނުމުގައި އެކަމަށް ރިއާޔަތް ކުރުމަށް އެދިފައެވެ.

އެ އިއުލާނުގައި ވަނީ ގްރޭޓަރ މާލެ އޭރިޔާގައި ދިރިއުޅޭ ފަރާތްތަކާއި އަދި ރިސޯޓްތަކުގައި މަސައްކަތްކުރާ މީހުންނަށް އޮންލައިންކޮށް (ވެބްސައިޓް މެދުވެރިކޮށް) ކާޑު ހެއްދުމަށް ހުށައެޅޭނެ ކަމަށް ވިދާޅުވެފައެވެ.