މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު މއ. މޯނިންވިއުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް އަންދާޒާ ކުރަން، އެސެސްމެންޓް ހަދައި ނިމިފައިވާއިރު، އެ އާއިލާތަކަށް އެހީވުމަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ވިދާޅުވެއްޖެއެވެ.

އަލިފާނުގެ ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް އިމާރާތް ވަނީ އަނދައިފައެވެ. އެ ތަނުގައި ދިރިއުޅެމުން ދިޔަ އާއިލާތައް މިހާރު ތިބީ ސަރުކާރުން ހަމަޖައްސާފައިވާ ތަންތަނުގައެވެ. އަލިފާން ރޯވި އިރު އިމާރާތުގައި 60 މީހަކު ދިރިއުޅެމުން ދިޔައެވެ. އެތަނުން ދެ މީހަކަށް އަނިޔާވެސްވިއެވެ. އެ މީހުންގެ ހާލު ރަނގަޅެވެ.

އެންޑީއެމްއާ އިން ވިދާޅުވީ، އެ އަލިފާނުގެ ހާދިސާގައި އާއިލާތަކަށް ރިލީފް އެހީފޯރުކޮށްދިނުމަށާއި، އަދި ލިބުނު ގެއްލުމުން އަރައިގަތުމަށް އެހީތެރިވެދިނުމަށް ޖުމްލަ 1،279398.8 ރުފިޔާ ހަރަދުވާނެ ކަމަށެވެ.

އެންޑީއެމްއޭ އިން ވަނީ އެ ހަރަދުތަކުގެ ތަފްސީލުވެސް އާއްމުކޮށްފައެެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެ ގޭގައި ދިރިއުޅޭ މީހުން ބުނާ ގޮތުން ނަމަ އަލިފާން ރޯވަން ދިމާވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.