ކޮވިޑް-19 ބަލިމަޑުކަމުގެ ހާލަތު ގޯސްވެ ރައްޔިތުންގެ މާލީ ހާލަތު ދަށްވާއިރު ވެސް ރައްޔިތުންގެ މަޖިލީހުން މި ކަމުގައި ކަންބޮޑުވާ ތަނެއް ނުފެންނަ ކަމަށް މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ލޯނު ނަގާފައިވާ ފަރާތްތަކަށް މޮރިޓޯރިއަމެއް ދިނުމަށް ގޮވާލައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ޝަރީފް ވިދާޅުވީ އިގްތިސާދު މިހާރު ހުރި ވަރުގައި ހިފެހެއްޓިފައި އޮތީ ވެސް ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

އެހެން ވިޔަސް ކޮވިޑްގެ ހާލަތު ކުރިމަތިވިތާ އަހަރު ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އިގްތިސާދު އަލުން އާރާސްތު ނުކުރެވި އޮތުމަކީ ހަގީގަތެއް ކަމަށާއި އެ ކަމަށް އިތުރު މަސައްކަތްތަކެއް ވެސް ކުރަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ދަނޑިވަޅުގައި އެންމެ އިސް ކަމެއް ދެވެން ޖެހޭނީ ރައްޔިތުންގެ ސިއްޚަތު ސަލާމަތް ކުރުމަށާއި ވިޔަފާރިތަކުގެ މާލީ ހާލަތު ހިމާޔަތް ކުރުމަށެވެ. އެކަމަކު އެ ކަންކަމަށް ރައްޔިތުންގެ މަޖިލީހުން ކަންބޮޑުވެ މަސައްކަތެއް ކުރާ ތަނެއް ނުފެންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތާމަ ކުރާ ކަމަކީ މި ދަނޑިވަޅުގައި ވެސް ރައްޔިތުންގެ މަޖިލީހުން ވެސް އެކަށީގެންވާ މަސައްކަތެއް ނުކުރާތީ. ރައްޔިތުންނަށް ދިމާވާން ޖެހޭ މައްސަލަތަކެއްގައި މަޖިލިހުން ކަންބޮޑުވާ ތަނެއް ނުފެނޭ،" ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މި ކަމަށް ސީރިއަސް މަސައްކަތެއް ނުދެވޭ ކަމުގައި ޝަރީފް ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގައި މި ދަނޑިވަޅުގައި އެންމެ ބޮޑު މަސައްކަތަކަށް ކުރަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ އިންކުއަރީއެވެ.

މީގެ ކުރިން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ވެސް ވަނީ ކޮވިޑް-19 ގެ ހާލަތު ގޯސްވެގެން ދާއިރު ވެސް މަޖިލީހުގައި މަސައްކަތްތަކެއް ނުކުރެވޭތީއާއި އެހެން ބައެއް ކަންކަމަށް މާ ބޮޑަށް އިސްކަމެއް ދޭތީ ކަންބޮޑުވުން ފާޅުކުރައްވައި ފާޑުވިދާޅުވެފައެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް ރައްޔިތުންގެ މަޖިލީހުގައި އޮތް އިރު، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ އެތެރޭގެ މަސްރަހު އޮތީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެ ޕާޓީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެންބަރުން ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަބްދޫ

    ކޮވިޑް އައީ އިގިރޭސިވިލާތުން.ޢާ ދައިގެ ރޯގާއެކޭ ކިޔާފަ ގޮއްސަ އައި އިރު ބަލި ކު ދިންކޮޅެއް ގެނެސް މާލެއަށް ދޫކޮށްލި .ޥީމާ އެމްޑީޕީ ން ފަތުރައިގެ އުޅޭނަމަ އެމީޙުން އެކަމާ ކަބްބޮޑުވާންވީ ކީއްވެ.

    12
    1
  2. އަށްޑޫ ވިއްކާލި ބައިގަޑު

    ސީ ދާ ޖީބު ބޮޑު ކުރުމުގެ ރިކޯޑުން އެއްވަނަ..

  3. ރައްޔިތުން

    ސަރުކާރު އުޅެނީ ގައު ވިއްކާ ވެރިންގެ ޖީބުތައް ފުރުމުގަ ބުރަކޮށް. ރައްޔަތުންގެ މަތިން ހަނދާނެއް ނުވާނެ

    11
  4. އަހުމަދު

    ކޮވިޑުގެ ހާލަތު ގޯސްކުރަނީ ސަރުކާރުން، ސަރުކާރު ހިންގަނީ ޝަރީފުމެން، ދެން ޝަރީފުމެން ރަނގަޅު ކުރަންވީނު.

    10
  5. މާކު

    ބަލަ ތިވެސް ތިކިޔާމަޖްލިސްމީހެނު. މިޔޮންހުރިހަދުވަހު އޮތީނިދާފަތަ ނޫނީ ނަޝީދައް އަންނަކަހަލަ ވަގުތު ކޮޅެއްގަތަ

  6. Anonymous

    މިހާރިވެސް ކޮވިޑް ގިނަ މޑޕ ލޫއީ ދޭންވެގެން ކޮވިޑް މަދުކޮއްގެން މިއުޅެނީ.