ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށްފައިވާއިރު ޝަކުވާ ހުށަހެޅުމަށް އިތުރު ވަގުތު ދީފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވި ގޮތުގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރޭ 22:30 އާ ހަމައަށް މިހާރު ވަނީ އިތުރުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ ގާނޫނުގައިވާ ގޮތުން މުއްދަތު އިތުރުކޮށްދެވެން އޮތް އެންމެ ދިގު ވަގުތަށެވެ.

އާންމު ގާނޫނުގައިވާ ގޮތުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނިފައިވާ ނުވަތަ ހިމެނިފައިނުވާ މައުލޫމާތުތަކާ ގުޅޭ ގޮތުން، ނުވަތަ އެ ރަޖިސްޓަރީ ސައްހަ ކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނި އިތުރަކާ ގުޅޭ ޝަކުވާ އުފުލުމުގެ އިހުތިޔާރު ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ.

ވޯޓާސް ލިސްޓު އާންމުކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އަދި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ.

ސަރުކާރުގެ ގެޒެޓްގައި ލިސްޓު ޝާއިރުކުރާ ދުވަހުން ފެށިގެން ގިނަވެގެން 10 ދުވަހުގެ ތެރޭގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ. އިންތިހާބު ބޭއްވުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުންނެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އެކު ވެސް އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު