އައްޑޫ ސިޓީގެ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހީމް ނަފީސް ހުސައިންގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ ކޮމިޝަނުން ބަލަން ނިންމާފައިވާ މައްސަލައަކީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު ބަންދުން ދޫކޮށްލަން އެ ކޯޓުން ނިންމި މައްސަލައެއްގައި ހައި ކޯޓުން އަންގާފައިވާ އެންގުމެއް އަމަލު ކުރުން ލަސްކުރަމުންދާ މައްސަލައެކެވެ.

މި މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކަނޑައެޅި ގޮތުގެ މަތިން ބަންދު މުރާޖައާ ކުރަން ދަށު ކޯޓަށް އެކި ފަހަރު މަތިން ވެސް ހުށަހެޅުމުން، އެ މައްސަލަ ބަލަން ނުފަށަން އިސް މެޖިސްޓްރޭޓް އަމަލުކޮށްފައިވާ ގޮތް ޖޭއެސްސީން ބަލާނެއެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ޖޭއެސްސީގައި ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައިފައެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބި، ޖޭއެސްސީގެ މެޖޯރިޓީ ވެސް އެ ޕާޓީއަށް ލިބުނު ފަހުން ގިނަ އަދަދެއްގެ ފަނޑިޔާރުންގެ މައްސަލަތައް އަންނަނީ އެ ކޮމިޝަނުން ބަލަމުންނެވެ.

ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބެލުމަށް ފަހު، ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ފަނޑިޔާރަކު ފުރަތަމަ ފަހަރަށް ވަކި ކުރެވިގެން ދިޔައީ ވެސް މި މަޖިލީހުގައެވެ.

މި މަޖިލީސް މެދުވެރިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެއްކޮށް ވަނީ ބަދަލުކޮށްފައެވެ. ކުރިން ތިއްބެވި ފަސް ފަނޑިޔާރުން ވަކިކޮށް އާ ފަނޑިޔާރުން އައްޔަން ކުރެއްވިއެވެ. އަދި ފަސް ފަނޑިޔާރުންގެ ބެންޗު ވަނީ ހަތަކަށް އިތުރު ވެސް ކޮށްފައެވެ.