ވިޔަފާރިކޮށް މުދާ އުފުލާ ގަޑިތައް ކުރިއެކޭވެސް އެއްގޮތަށް ބަދަލުކޮށްފިއެވެ.

ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓުމާއި އެކު، މުދާ އުފުލާ ވަގުތުތަކަށް ކުރިން ބަދަލު ގެނެސްފައި ވަނީ، ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލް މަހުގެ ހަތް ދުވަހާއި ހަމައަށެވެ.

ރޯދަ މަހު ފިހާރަތައް ރޭގަނޑު 11 ޖެހުމާއި ހަމައަށް ހުޅުވާފައި ބެހެއްޓޭ ގޮތަށް ހުއްދަ ދީފައިވާއިރު، ރޯދަ މަހު މުދާ އުފުލަން ހުއްދަ ދީފައި އޮތީ ހަވީރު 6:00 އިން ފެށިގެން ހެނދުނު 8:00 އަށް އަދި ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 3:00 އަށް ފެނާއި ކައްކާ ގޭސް، އަދި 350 ކިލޯއަށް ވުރެ ލުއި މުދާ އުފުލޭ ގޮތަށެވެ. އެ ބަދަލާއި އެކު ރޯދަމަހުގެ މެންދުރު ފަހު 3:00 އިން ފެށިގެން ހަވީރު 6:00 އާއި ދެމެދު މުދާ އުފުލުން އޮތީ މަނާކޮށްފަ އެވެ.

ރޯދަމަހަށް ގެނައި ބަދަލުގެ މުއްދަތު މިރޭގެ ނިޔަލަށް ހަމަވާއިރު، މާދަމައިން ފެށިގެން ރޭގަނޑު 10:00 ގައި ފިހާރަތައް ބަންދުކުރަން ޖެހޭނެއެވެ. އަދި ކެފޭ ރެސްޓޯރެންޓުތައް ރޭގަނޑު 1:00 ގައި ބަންދުކުރަން ޖެހޭއިރު، މާލޭ މަގުމަތީގައި މުދާ އުފުލޭނީ ހަވީރު 6:00 އިން ހެނދުނު 8:00 އާއި ހަމައަށެވެ.