ކުޑަކުދިންގެ ތަކެތި ވިއްކާ އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ އެމެރިކާގެ ބެޓް ބާތު އެންޑް ބިޔޯންޑް ބަނގުރޫޓް ވެއްޖެކަން އިއުލާން ކޮށްފިއެވެ.

ކުޑަކުދިންގެ ސާމާނަށް ހާއްސަ އެކުންފުނި ބަނގުރޫޓްވިކަން އިއުލާން ކުރިއިރު އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި 360 ފިހާރައެއް އަންނަނީ ހިންގަމުންނެވެ.

ބެޓް ބާތު އެންޑް ބިޔޯންޑްސް އިން ބުނީ ކުންފުނި ބަނގުރޫޓްވި ނަމަވެސް އަދި ކުންފުނީގެ ވިޔަފާރި އެއްކޮށް ހުއްޓާލަން ނިންމާފައި ނުވާ ކަމަށެވެ. މިވަގުތު އަދި ބަންދު ކުރާނީ ކުންފުނީގެ 120 ފިހާރައެއް ކަމަށް އެކުންފުނިން ބުނެއެވެ. އޭގެ އިތުރުން ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އަދި ވިޔަފާރި ކުރެވޭނެއެވެ.

ބެޓް ބާތު އެންޑް ބިޔޯންޑްސް އިން ބުނީ ބެންކްރަޕްސީ އިއުލާންކޮށް ކުންފުނި ވިއްކާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިމުއްދަތުގައި ކުންފުނި ހިންގުމަށް ބޭނުންވާ 240 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ބެޓް ބާތު އެންޑް ބިޔޯންޑްސްއަށް މުޅި ކުންފުނި އެއްކޮށް ގަންނާނެ އިންވެސްޓަރަކު ނުލިބިއްޖެނަމަ ކުންފުނީގެ ދަށުން ހިންގަމުން ގެންދާ ވަކިވަކި ބައިތައް ވިއްކާލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އެންމެ ގާތީ ބައި ބައި ބޭބީ ވިއްކާލުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

1996 ވަނަ އަހަރު އުފެއްދި ބެޓް ބާތު އެންޑް ބިޔޯންޑްސްއަށް މާލީ މައްސަލަތަކާއި ކުރިމަތިވީ 2019 ވަނަ އަހަރު އެކުންފުނީގެ ސީއީއޯގެ މަގާމަށް މާކް ޓްރިޓޮން އައި ފަހުންނެވެ. ކޮވިޑް-19 އާއި އަދި ވާދަވެރި އެހެން ވިޔަފާރިތަކާއި އެއްހަމައެއްގައި ފައި ހަމަނުކުރެވި މާލީ މައްސަލަތަކެއްގެ ތެރެއަށް ވެއްޓުމުން ކުންފުނިން ވަނީ މިދިޔަ އަހަރު މާކް މަގާމުން ދުރުކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބެޓް ބާތު އެންޑް ބިޔޯންޑްސްގެ މިލްކިއްޔާތުގައި 4.4 ބިލިއަން ޑޮލަރުގެ ކެޕިޓަލް ހުރިނަމަވެސް އެކުންފުނީގެ ދަރަނި 5.2 ބިލިއަން ޑޮލަރަށް އަރައެވެ.