"ދިޔަރެސް" ނޫހުގެ ކޯ ފައުންޑަރ އަދި ޗީފް އެޑިޓަރ އަޙްމަދު އަޒާންއަށް އަމާޒުކޮށް ބިރުދެއްކުމުގެ ގޮތުން އެމްޑީޕީން ނެރެފައިވާ ބަޔާން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިހެން ބުނީ އިންޑިއާ އާއި ދެކޮޅަށް ދިވެހިން ދައްކަމުން ގެންދާ ވާހަކަތައް ކުށްވެރިކޮށް އެމްޑީޕީން މިއަދު އިނގިރޭސިބަހުން ނެރުނު ބަޔާނެއްގައި ވަކިން ހާއްސަކޮށް އަޒާންގެ ނަން ފާހަގަކޮށްފައި އޮތުމުން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ބުނީ މީޑިއާއަކީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރު ކަމަށްވީހިނދު، އަޒާނަށް އެމްޑީޕީން ބިރު ދެއްކުމަކީ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭފަދަ އަދި ނޫސްވެރިންގެ ގަލަމުގެ މިނިވަންކަމަށް އަރައިގަނެވޭފަދަ ކަމެއް ކަމަށެވެ.

މީޑިއާގެ ފަރާތްތަކަށް މިނިވަންކަމާއެކު ޙަރަކާތްތެރިވެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަކީ ކަމާބެހޭ މުއައްސަސާތަކުން ކުރަންޖެހޭ ކަމަކަށްވާއިރު، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވާ މިފަދަ އިންޒާރުތަކާއި ބިރުދެއްކުމުގެ ޢަމަލުތައް ބަލާ އެފަރާތްތަކަށް ރައްކާތެރި މާޙައުލެއް ޤާއިމްކޮށްދިނުމަށް މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

އަދި ވަކި ފަރާތަކަށް ނުޖެހި މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ މަގު ފަހި ކޮށްދިނުމަށްވެސް ވަނީ ގޮވާލާފައެވެ.

"ރާއްޖޭގެ މީޑިއާތަކުގައި ނޫސްވެރިން ލިޔާ ލިޔުންތަކާއި ގުޅިގެން އެކަން ހުއްޓުވުމަށް ބޭރުގެ އެކި ފަރާތްތަކުން ސަރުކާރު މެދުވެރިކޮށް ފިއްތާ ފިއްތުންތަކުގެ ސަބަބުން ސަރުކާރުގެ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ މުއައްސަސާތަކުން ނޫސްވެރިންގެ އަނގަ ބަންދުކޮށް ފިޔަވަޅު އެޅުމަށް ކުރަމުންދާ މަސައްކަތަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް" ކަމަށް ވެސް ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި އަޒާންގެ ނަން ފާހަގަކޮށް އޭނާ އާއި ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ނުރައްކާ އޮތް ކަމަށް ބުނެ އަޒާން މިހާރު ވަނީ އޭނާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަމަރޭ

    އަޒާންއަކީ ހީރޯއެއް! އޭނަ ހިމާޔަތް ކުރަން އަހަރުން ފަހެއް ނުޖެހޭނަން! ތިއީ ދިވެހިން އެދޭ ކަހަލަ ދަރިއެއް

    30
    7
    • ޢަހޫ

      ތިކަހަލަ ހީރޯއިންނަށް އަހަރެ މެން ކިޔަނީ ގުއިހީރޯ. ނޫސްވެރިންނަށް ހުތުރުއަޜުވަން ތެޅިބާލާމީހެއް.

      5
      8
  2. Anonymous

    ދިވެހިން ނޫޅެ މިކަހަލަ ފީކަޅާ މީހުންނާހެދިއެއް. ޖަލަށްލާބަލަ

    6
    9
  3. ކިޔުންތެރިއެއް

    އޭންކާރީ ސިފައިން ސެކުރިޓީނުދޭނެ. ރައްޔިތުންގެ ރުފިޔާކާގެން ތިއެންމެންވެސް ސިޔާސީ މީހުންގެ އުނގުތެރެއަށް ވެއްޓިފަ.

    4
    1
  4. މުޙައްމަދު

    ރާއްޖޭގެ ތިިުރިާ ނޫސްވެރިންތަށް މިތިބީ ވަކިބައެއްގެ އުނގަށްވެއްޓި ސަލާމަތްނުވާވަރުވެފަ. އެތަށް އަޒާުންތަކެއް އެބަތިބި..